ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ މީހަކަކު ވެރިކަމަށް ވަޑައިގަންވާ ހިސާބުން ފެށިގެން މާލެ އެފުށް މިފުށަށް ޖަހައި މާލެއާއި އަޅައި ގަނެގެން އުޅޭ ސަބަބެއް ވިސްނި ވަޑައި ނުގަންވާ ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވެއްޖެ އެވެ.

އެކި ސަރުކާރު ތަކުން މާލެއާއި މެދު ގެންގުޅެމުންދާ ވިސްނުންތަކާއި ތަސައްވަރުތަކާއި ގުޅޭގޮތުން އިބްރާ ވިދާޅުވީ ކޮންމެ މީހަކަށް ވެރިކަން ލިބި އާރާއި ބާރު ލިބުމުން މާލެއާއި މެދު ވަކި ޚާއްސަ ޕްލޭންތައް ހަދައި ކޮންމެ މީހަކު ވަކި ޕްލޭނެއް ހަދައި މާލެ އެފުށް މިފުށަށް ޖަހަން އުޅޭ އެއްވެސް ސަބަބެއް ވިސްނި ވަޑައި ނުގަންވަނާ ކަމަށެވެ.

މާލެއަކީ މިއަދު ޖާގައިގެ ގޮތުން ދަތި، ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ތަނަކަށްވާއިރު ރާއްޖޭގެ އެހެރައްތަކުގައި މާ ޖާގަބޮޑު، ބިމުގެ ތަނަސްކަން ހުރި ރަށްތައް ހުރި އިރު މާލެއާއި އަޅައި ގަނެގެން މިއުޅޭ އެއްވެސް ސަބަބެއް ވިސްނި ވަޑައި ނުގަންވަކަމަށް އިބްރާ ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ބާރެއް ލިބޭ އިރަށް މާލެ އަލުން ކުރަހާ، އެފުށް މިފުށަށް ޖަހަން މިއުޅެނީ ކީއްކުރަންތަ؟ ރާއްޖޭގެ އެހެން ރަށްރަށްވެސް އެބަހުއްޓެއްނުންތަ؟ ހުސްބިންތައްވެސް އެބަހުއްޓެއްނުންތަ؟" އިބްރާ ވިދާޅުވި އެވެ.

2008 ވަނަ އަހަރަށްފަހު ވެރިކަމާއި ހަވާލުވި ކޮންމެ ވެރިޔަކުވެސް ވަނީ އެވެރިޔެއްގެ ޕްލޭންތަކާއި އެއްގޮތަށް މާލެ ބަދަލު ކުރުމަށް މަސައްކަތް ކުރައްވާފައެވެ. މިހާތަނަށް މާލެއަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލޭގެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މާލޭގައި ޕާކްތަކާއި މައިޒާންތައް ގިނަކޮށް، ހަނި މަގުތަކަށް ވެހިކަލް ނުވަދެވޭނެހެން ހަދައި އާންމުންގެ ހިތްހަމަ ޖެހުމަށް ހުސްޖާގަ ތަނަވަސްވާ ގޮތަށް ބަދަލުތައް ގެނައުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށާއި މާލޭގެ މަލަމަތި ރީތި ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކޮށްފައެވެ. އެގޮތުން ހުޅުމާލެއާއި މާލެއާއި ދެމެދު ބްރިޖަކުން ގުޅާލުމާއި މާލޭގެ ވަށައިގެން ބައެއް ސަރަހައްދުތަކުގައި ތާރުއަޅައިގެން މަގު ހެދުން ވެސް ހިމެނެއެވެ.

މާލެއަށް ބޮޑެތި ބަދަލުތައް ގެނަައުމަށް މިސަރުކާރުންވެސް ވަނީ ބޮޑެތި ޕްލޭންތަކެއް ހަދާފައެވެ. ނަމަވެސް މިހާތަނަށް މިސަރުކާރުގެ ޕްލޭންތަކުގެ މާބޮޑު ނަތީޖާއެއް ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޙަސަން ނަޖުމީ

24-Sep-2020

މާލެއާ އަދި ރާއްޖޭގެ އެހެންރައްތަކާ ބެހޭގޮތުންވެސް ޕްލޭންތައް ހަދާ ކުރިއަރުވަން މަސައްކަތް ކުރަންޖެހެނީ ރައްޔިތުން ހޮވާސަރުކާރަކަށް. އެއީ މަންދުކޮލެޖުން ކުރަންޖެހޭ ކަމެއްނޫން. މިފާޑަށް އިބުރާ ވާހަކަ ދައްކަވާއިރު މިހީވަނީ އިބުރާގެ އަމިއްލަ ތަނެއް އެފުއްމިފުށަށް ޖަހަން ސަރުކާރުން މަސައްކަތް ކުރާތީ އުޅޭހެން.



ޓްރެންޑިން