ރައީސް މުޢިއްޒު އޭޓީއެމް ހުޅުވައިދެއްވުން
ރައީސް މުޢިއްޒު އޭޓީއެމް ހުޅުވައިދެއްވުން
ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިއަދު ތ. ބުރުނީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، މި ހަފްތާ ތެރޭގައި ތ. އަތޮޅުގެ އިތުރު 8 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފުޅާކުރާނެ ކަމަށެވެ.

"ބުރުނީގައި އަޅުގަނޑުމެން ކޮށްފައިވާ މި އިންވެސްޓްމެންޓުން ހާމަވެގެންދަނީ ރާއްޖޭގެ މުޖުތަމައުތަކަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން. ޒަމާނީ އޭޓީއެމްތައް ތައާރަފްކުރެވުމާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށްވެސް ފަސޭހަކަމާއެކު ކޮންމެ ވަގުތަކުވެސް، ރަށުގައި ތިބެގެން ބޭންކިންގ ޚިދުމަތް ލިބޭނެ." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ބުރުނީގައި އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީއެމްއެލް އިން ވަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި، 171 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި، 229 އޭޓީއެމް ޤާއިމު ކޮށްފައެވެ.

އަދި ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު