ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލްގެ އޭޓީއެމް
މުޅިރާއްޖޭގެ 40 ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ހަތް އާރބަން ސެންޓަރުގެ ތެރެއިން މިހާރު ޑޮލަރު އޭޓީއެމް ނެތް ސަރަހައްދުތަކާއި ސިޓީތަކުގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތައް ހިމެނޭ ގޮތަށް މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ބީއެމްއެލްގެ އަހަރީ ދުވަސް ކަމުގައިވާ ނޮވެންބަރު 11 އިން ފެށިގެން، ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ. އަދި އެއަރލައިން ޓިކެޓާއި ހޮޓާ ބުކިންގތަކަށް ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޚާއްޞަ އިނާޔަތެއްގެ ގޮތުގައި، ބޭންކުގައި އެދުމުން ހޮސްޕިޓަލްތަކަށް ޑެބިޓް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.

އަދި ޗައިނާގެ ފައިސާ ކަމުގައިވާ ޔުއާންގެ އެކައުންޓް ހުޅުވުމުގެ ޚިދުމަތް ބީއެމްއެލްއިން މިހާރު ފަށާފައިވާ ކަމަށާއި، 2024 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 180 އަށްވުރެ ގިނަ ޤައުމުގައި ބޭނުންކުރެވޭ ޔޫނިއަން ޕޭގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ތަޢާރަފުކުރެވޭނެ ކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ.

މި އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން، ބްލެކް މާކެޓުން އަގުބޮޑުކޮށް ޑޮލަރު ގަންނަން ޖެހުމުގެ މައްސަލައަށް ހައްލުލިބި، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު