ޒަހީނުއްދީން ސަޢީދު   23 ސެޕްޓެމްބަރު 2020 - 14:28
ޖަމިއްޔަތުލް ސަލަފްގެ އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު
ޖަމިއްޔަތުލް ސަލަފްގެ އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު
މޮބައިލް ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ކުޅެމުން އަންނަ "ޕީޕީ ޕޮކާ" ގޭމަކީ ޖުވާ ކަމަށާއި އެ ކުޅިވަރު ކުޅުމަކީ ހަރާމް ކަމެއް ކަމަށް ޖަމިއްޔަތުލް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އިސްލާމްދީން ކުރިއަރުވައި ދީނީ ޝިއާރު ފާޅު ކުރުމުގައި ޖަމިއްޔަތުލް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޕޮކަ ގޭމް ކުޅުމަކީ ހަރާމް ކަމެއް ކަމަށެވެ. އަދި އެ ގޭމް ކުޅެގެން ލިބޭ ފައިސާ ވާނީ ހަރާމް ފައިސާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ރަމީޒްގެ ޕޯސްޓުގައި ޖަމްއިއްޔަތުއް ސަލަފުން ދެކޭ ގޮތް ވެސް ހިމަނާފައިވެއެވެ.

މި ގޭމަކީ ފޯން އެޕްލިކޭޝަނެއް މެދުވެރިކޮށް ކުޅޭ ޕޮކާ ގޭމެކެވެ. ޖުވާ ޓޭބަލް ހިންގާ މީހާއަށް ފައިސާ ޓްރާންސްފާ ކުރުމުން އެ ފައިސާ އަށް ވާވަރަށް ގޭމް ކުޅެން ބޭނުންވާ ޗިޕް ލައިދެއެވެ. ދިވެހި ބޭންކް މެދުވެރިކޮށް ފައިސާގެ މުއާލާތް ހިންގައިގެން އޮންލައިންކޮށް ކުޅޭ މި ޖުވާ ގޭމަކީ ރާއްޖޭގެ ގިނަ ބަޔަކު މިހާރު ކުޅެމުން ގެންދާ ގޭމެކެވެ.

މިފަދަ ގޭމްތައް ކުޅުމުގެ ހުކުމަކީ ކޮބައިތޯ ސުވާލު ކުރުމުން ސަލަފުން ވެސް ވަނީ އެއީ ޖުވާ ކަމަށް ނިއްމާފައެވެ. ސަލަފުން ބުނީ ޕޮކާ ގޭމް ކުޅުމަކީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަމެއް ކަމަށެވެ. މިފަދަ ގޭމްތައް ކުޅުން ހަރާމް ވާނެ ކަމަށް ވެސް ސަލަފުން ބުނެފައިވެއެވެ. އަދި ޖުވާއާ ބެހޭ ގޮތުން މާތް ﷲ ގެ ވަހީ ބަސްފުޅު ވެސް ސަލަފުން ހަނދާންކޮށްދީފައި ވެއެވެ.

ކީރިތި ގުރުއާނުގެ މާއިދާ ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައި ވަނީ މިފަދައިންނެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރަލާއި ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ކާމިޔާބު ލިބުމަށްޓަކައެވެ. (90) ޝައިތާނާ އެދޭކަން ކަށަވަރީ، ރަލާއި ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި އަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަން ހެއްޔެވެ؟ (އެބަހީ: ހުއްޓާލާށެވެ!) 

ޕޮކާ ނޫނަސް ރާއްޖޭގައި ޖުވާ އެކުލެވޭ ކުޅިވަރުތައް ވަނީ އާންމުވެފައެވެ. ވާދަޖަހައިގެން ކުރާ ކަންތައްތަކުގައި ބެޓް ކުރުމާއި ޖުވާކުޅޭ ތަންތަނުގައްޔާއި އެނޫން ތަންތަނުގައި އެކި ނަންނަމުގައި ކުޅޭ ކުޅިވަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި "ރޫލެޓް"، "ބްލެކް ޖެކް" އަދި "ޕޮކާ" ފަދަ މިނޫނަސް އެތައް ނަންނަމުގައި ކުޅޭ ކުޅިވަރުތަކެއްވެއެވެ. މިޒަމާނުގައި މިފަދަ ވަރަށް ގިނަ ގޭމުތައް އޮންލައިންކޮށްވެސް ކުޅުން ވަނީ ވަރަށް އާންމު ކަމަކަށްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން