ރާއްޖެއިން އެންމެ ފުރަތަމަ ފެނުނު ކޯވިޑް ކޭސްއާއިގުޅިގެން ފްރަންޓް ލައިންގައި ހަރަކާތްތެރިވި ފަރާތްތަކަށް މިއަދާއި ހަމަޔަށްވެސް އެލަވަންސް ލިބިފައިނުވާކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް ސަރުކާރުން ވަނީ އިނާޔަތް ދިނުމަށް ނިންމައި އެކަން ތަންފީޒު ކުރަންވެސް ފަށާފައެވެ. އެގޮތުން މިހާތަނށް 2.9 މިލިއަން ރުފިޔާ ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ކޯވިޑް 19ގެ އެންމެ ފުރަތަމަ ކޭސްސް ފެނިފައިވަނީ ޅ. އަތޮޅުގެ ރިސޯޓަކުންނެވެ.

ކޯވިޑަށް ރާއްޖެއިން އެންމެ ފުރަތަމަ ޕޮޒިޓީވްވި މީހާއާއި އަދި އެ ނުރައްކާތެރި ވަގުތު އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތް ކުރަމުން ދިޔައީ ފުލުހުންނާއި، ސިއްހީ ދާއިރާއްގެ ބޭފުޅުންނެވެ. އެންމެ ފުރަތަމަ ކޭސްގައި ފްރަންޓްލައިން އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވި މީހުންނަށް މިއަދާއި ހަމަޔަށްވެސް އެލަވަންސް ލިބިފައި ނުވާކަމުގެ ކަންބޮޑުވުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ފާޅުކުރަށްވާފައެވެ.

ޝިޔާމް ވިދާޅުވީ ޅ.އަތޮޅުން އެންމެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން ފްރަންޓް ލައިންގައި ހަރަކާތްތެރިވި ސިއްޙީ ހިދުމަތްތެރިންނާއި، ފުލުހުންވެސް ހިމެނޭހެން ފްރަންޓްލައިން އެލަވަންސް މިއަދާއި ހަމަޔަށްވެސް އެމީހުންނަށް ލިބިފައިނުވާކަމަށެވެ. މިއީ އެބޭފުޅުން ނެގި ރިސްކާއި ކުރި މަސައްކަތުގެ އަގު ވަޒަން ނުކުރާ ކަމުގެ މިސާލެއްކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ކޯވިޑް 19 ގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ ޅ.އަތޮޅު ރިސޯޓަކުން. އެވަގުތުން ފެށިގެން އެ އަތޮޅުގައި ފުރަންޓްލައިން މަސައްކަތްތެރިން ހަރަކާތްތެރިވާން ފެއްޓެވި. ހިތާމަޔަކީ އެހައްސާސް ވަގުތު ހަރަކާތްތެރިވި ފަރާތްތަކަށް ފުލުހުން ހިމެނޭހެން ކޯވިޑް އެލަވެންސް އަދިވެސް ނުލިބޭކަން." ޝިޔާމް ވިދާޅުވި އެވެ.

ކޯވިޑް-19 އާއިގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް ޖުލައި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަނީ ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ދީފައިވާކަމަށާއި މިއީ ރާއްޖެއިން ފުރަތަމަ ކޯވިޑް-19ގެ ކޭސްއެއް ފެނުނު ދުވަސްކަމަށްވާ 2020 މާރިޗް 7 އިން ފެށިގެން ޖޫންމަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމް.އެން.ޑީ.އެފާއި ޕޮލިހުގެ 6518 މުވައްޒިފަކަށް 44.5 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެމްއެންޑީއެފްގެ 3334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ ތެރެއިން ފްރަންޓް ލައިންގައި މަސައްކަތްކުރި 3184 މުވައްޒަފަކަށް 20.5 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަިވާކަމަށެވެ. މިއާއެކު ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެކި ފަރާތްތަކަށް 78 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެލަވަންސް ދެނީ ހައިރިސް ކެޓަގަރީއަށް ދުވާލަކަށް 500 ރުފިޔާ، މީޑިއަމް ރިސްކް ކެޓަގަރީއަށް ދުވާލަކަށް 250 ރުފިޔާ އަދި ލޯ ރިސްކް ކެޓަގަރީއަށް ދުވާލަކަށް 200 ރުފިޔާގެ މަގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން