މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މިހާރު ފެންނަނީ އެއްވަގު އަނެއްވަގަށް އެވައްކަން ފޮރުވަން މިވައްކަމުގެ ވާހަކަ ދައްކާ މަންޒަރު ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިފަދަ މެސެޖެއް މީސްމީޑިއާއަށް ދޫކޮށްލައްވާފައިވާއިރު، ފެނަކައިގެ އޮޑިޓް ރިޕޯޓުގައި އެ ކުންފުނި ބޭނުންކޮށްގެން ކުންފުނީގެ ކުރީގެ ބައެއް ވެރިން ޚިޔާނާތުގެ ގިނަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެއީ ރާއްޖޭގެ ތާރީޚުގައި ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށް މި ސަރުކާރަށް ތާޢީދުކުރާ އެކްޓިވިސްޓުން މީސް މީޑިއާގައި ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން މަޖާޒީކޮށް ނަސީމް ވިދާޅުވީ، ރާއްޖެއިން ވައްކަމާ ކަރަޕްޝަން ނައްތާލައިފި ކަމަށާއި، ރައްޔިތުންނަށް އޮތް ގޮތަކީ މި ބާފިލްމު ބަލަން ތިބުން ކަމަށެވެ.

"ރެކޯޑެއް ޗެލެންޖެއް ލެގަސީއެއް. ބާފިލްމެއް އަލުން އަޅުވައިފި. އޮޑިޓަރު، އޭސީސީ، ފުލުހުން، ޖުޑިޝަރީ، މަޖިލިސް، މީޑިއާ ހައުސްފުލް. އެއްވަގު އަނެއްވަގަށް. އެވައްކަން ފޮރުވަން މިވައްކަމުގެ ވާހަކަ ދައްކާ! ބަލަންތިބޭ!" ނަސީމް ވިދާޅުވެފައިވެއެވެ.

ނަސީމް މިހެން ވިދާޅުވެފައިވާއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި 2021 އިން 2023ގެ ފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ވަނީ އެކުންފުނިން 2.2 ބިލިއަން ރުފިޔާގެ މުޢާމަލާތް އުސޫލުން ބޭރުން އެކިއެކި ސިޔާސީ ފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

ނަމަވެސް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެފައިވަނީ، ހުރިހާ ކަމެއްވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށާއި، އެއްވެސް މައްސަލައެއް ވާނަމަ، އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި މައްސަލަ ބެލުމަށް ގޮވާލައްވާ ކަމަށެވެ. އަދ، އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު