ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސ .ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި ފާތުމަތު ފަރުހީޒާ އާއި ހަސަން ޝަފީއު އައްޔަން ކުރަން ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނާއި ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތައް "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ" ކޮމިޓީން ސްކްރީންކޮށް، އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ރިޕޯޓުގެ ތަރުތީބުން، "ހައިލީ ރިކޮމެންޑް" ނުވަތަ މަގާމަށް އައްޔަން ކުރުމަށް އެންމެ ގާބިލުކަމަށް ލަފާ ދީފައިވަނީ ސ.މަރަދޫ ޒެފެއާ، އަލްއުސްތާޛާ ފާތުމަތު ފަރުހީޒާއަށް ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އެ ރިޕޯޓުގައި "ރިކޮމެންޑް" ކޮށްފައިވާ ދެވަނަ ފަރާތަކީ ކ.ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ހަސަން ޝަފީއުއަށް ކަމަށް ޖޭއެސްސީން ބުނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އަލްއުސްތާޛާ ފަރުހީޒާ އާއި އަލްއުސްތާޛު ޝަފީއު ފެންނަ ކަމަށް މި މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަންގައި ބޭއްވި 68 ވަނަ ޖަލްސާއިން ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ، ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު މިހާރުވެސް އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޛާ ފަރުހީޒާއަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭކަނބަލެއް ކަމަށެވެ. މީގެ އިތުރުން އެ ކަމަނާއަކީ ޤާނޫނީ ވަކީލުކަމުގައި 10 އަހަރުދުވަހުގެ ތަޖުރިބާ ގެ އިތުރުން ޕަބްލިކް ޕްރޮސެކިއުޓާއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، ގާނޫނީ ދާއިރާއިން ކިޔަވައި ދިނުމުގެ ތަޖުރިބާ ވެސް ހުންނެވި ފަރާތެއް ކަމަށް ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

އަލްއުސްތާޛު ހަސަން ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ (އެން.އެލް.ބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝަފީއުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ފައިވާ ބޭފުޅެކެވެ. ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރެއްވުމުގައި ވެސް މަސައްކަތް ކުރައްވާފައި ވާކަމަށް ޖޭއެސްސީން ވަނީ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން