އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ކޮވިޑާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ނިޒާމަށް ބަދަލުގެނައުމަކީ ގައުމަށް ކާރިސާ އެއް ގެނައުން ކަހަލަ ކަމެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލި ކުރުމަށް ކުރާ މަސައްކަތާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ކުރާ މަސައްކަތާއި ގުޅިގެން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ( އައްޑޫ ޝަރީފް) ވިދާޅުވީ، ރާއްޖެ އަށް ފެތުރެމުންދާ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ހީނަރު ވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ކަންކަމަށް ބޮޑެތި ބަދަލް ގެނައުމަކީ ދިވެހި ރާއްޖެއަށް ބޮޑު ކާރިސާއެއް ގެނައުންފަދަ ކަމެއް ކަމަށެވެ.

ގައުމަށް މިހާރު އެންމެ ބޭނުންވަނީ ތަޢުލީމީ ފެންވަރު ރަނގަޅު، މަސައްކަތް ކުރަން ތަޖްރިބާ ހުރި އިސް ވެރިން ކަމަށް ޝަރީފް ވިދާޅުވިއެވެ. "މިއީ ދުއްވަމުން މިދާ ދޯނި މިސްރާބް ބަދަލް ކުރަންވީ ވަގުތެއް ނޫނެވެ." ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ފެތުރެމުންދާ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ހީނަރު ވެފައިވާ ވަގުތެއްގައި، ގައުމުގެ އިސްވެރިން ދައްކައިދޭންވާނީ ކެތްތެރިކަމާއި، ހިތް ތިރި ކަމުގެ ނަމޫނާ ކަމަށެވެ.

"މިވަގުތު އިސްވެރިން ސީޔާސީ ކޯޅުންތަކާއި ދުރުހެލިވެ، ގައުމު އިސްކުރަން ޖެހޭނެއެވެ." އިނގިރޭސި ބަހުން ޝަރީފް ކުރެއްވި ޓުވީޓްގައިވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ޒިންމާދާރު ކުރުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ ރެލީތަކާއި އެއްވުންތައް ބާއްވަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގެންދަވަނީ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ.

ދާދިފަހުން އެމްޑީޕީގެ ޚަބަރު ސިޓީ އަށް ލިޔުއްވި ލިޔުއްވުމެއްގައި ރައީސް ނަޝީދު ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހީމްއަށް ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރުވާނީ ވެރިކަމުގެ ނިޒާމް ބަދަލުކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް ވަނީ ރައްޔިތުންގެ ވޯޓަކާއި ނުލައި ވެރިކަމުގެ ނިޒާމް ބަދަލުކުރަން އެމަނިކުފާނު ތާއިދު ނުކުރައްވާކަން ހާމަަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން