އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް-
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އާބާދީ އިތުރުވުމުގެ ސަބަބުން ތޮށްޖެހުން ކަމުގައިވާއިރު، މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވިދާނެ މުހިންމު ކަންކަން އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގް ހުށަހަޅުއްވައިފިއެވެ.

މި މައްސަލައަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ފިރާގް ވިދާޅުވީ އަޅުގަނޑުމެން އެންމެ ގިނައިން މަޝްވަރާކޮށް ވާހަކަދައްކަނީ މާލޭގެ އާބާދީ އިތުރުވުމާއި، މާލެ ސަރަހައްދަށް ހިޖުރަކުރުން އިތުރުވުމާ ބެހޭގޮތުން ކަމަށެވެ.

މިކަމާމެދު ފުންކޮށް ވިސްނާލާއިރު މި ބަދަލުވުމުގެ ފަހަތުގައިވާ މުހިންމު ބައެއް ސަބަބުތައް ވިސްނޭ ކަމަށް ފިރާގް ވިދާޅުވިއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މާލެއަށް މީހުން ބަދަލުވާ ސަބަބުތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތަކާއި ކުޑަކުދިންނަށް ރަނގަޅު ތައުލީމެއް ދިނުމާއި ތަފާތު ވަސީލަތް ތަކުގެ ފަސޭހަތައް ހިމެނޭ ކަމަށް ފިރާގް ވިދާޅުވިއެވެ.

ކަން މިހެން އޮތްނަމަވެސް، މި މައްސަލައާމެދު ފުންކޮށް ވިސްނާލައިފިނަމަ މި ގޮންޖެހުން ހައްލުކުރުމުގައި ސަރުކާރާއި ވެރިކަމުގެ ދައުރެއް އޮތްކަންވެސް ސާފުވާކަމަށް ފިރާގު ވިދާޅުވިއެވެ.

"މިސާލަކަށް އެހެން ރަށްތަކުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އިންޓްރެސްޓު ކުޑަ ލޯނު ދިނުމާއި، އެ ސަރަހައްދުތަކުން ޓެކްސް ކުޑަކުރުމާއި، ކެމްޕަސްތަކާއި ތައުލީމީ ހިދުމަތްތައް ގާއިމްކުރުމަށް އިނާޔަތްތައް ދިނުމަކީ ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއް" ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވި ގޮތުގައި މިފަދަ ޕްލޭނިން ހެދުމުގެ ސަބަބުން މާލޭ ސަރަހައްދު ތޮއްޖެހެމުންދާ އާބާދީ ކުޑަކުރުމަށް އެހީތެރިވެދޭނެއެވެ.

ފިރާގް ވިދާޅުވީ މިކަމުގެ ސަބަބުން އިތުރު ވަޒީފާތަކެއް އުފެދި، އަމިއްލަ ރަށް ތަކުގައި ނުވަތަ ސިޓީތަކުގެ ތިބި މީހުންނަށް އާމްދަނީގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކަމުން މިއީ މުޅި ރާއްޖޭގައި ތަރައްގީއާއި އިގްތިސާދީ ގޮތުން ކުރިއެރުން ގެނެސްދޭނެ ކަމެއް ކަމުގައި ފިރާގް ސިފަކުރިއެވެ.

މިކަމާ މެދު ކޮންމެވެސް ވަރަކަށް ސަރުކާރުން ވިސްނާލުން ރަނގަޅުކަމަށް ފިރާގް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު