ހުކުރު ހުތުބާއެއް އިއްވަނީ-
ހުކުރު ހުތުބާއެއް އިއްވަނީ-
ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ އިސްލާމްދީން ނުހަނު ބޮޑަށް މަނާ ކުރާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މުއުމިނުންގެ ބަސްމަގު" މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުޠުބާގައި ބުނީ އަޅުގަނޑުމެން ބުނާ ބަސްތަކާއި ކުރާ އަމަލުތައް އަބަދާއި އަބަދު ލިޔެވި ރައްކާތެރިކުރެވޭ ކަމަށާއި، ގިޔާމަތްދުވަހުން އެތަކެތި އޭގެ އަހުލުވެރިޔާއަށް ދެއްކޭނެ ކަމަށެވެ. އަދި އެ ދުވަހަކުން އެ އަމަލުތަކަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން މާތް ﷲ އަށާއި އާހިރަތްދުވަހަށް އީމާންވާ މީހާ އަބަދުވެސް ހެޔޮބަސް ބުނުމުގައި ދެމިހުންނަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

"މާތް ﷲ އާއި އާޚިރަތްދުވަހަށް އީމާންވާ މީހާ ހެޔޮ ބަސް ބުނާހުށިކަމެވެ. ނޫންނަމަ އޭނާ ހަނުހުއްނަހުށިކަމެވެ." ދޫރައްކާތެރިކުރުމަށާއި ހެޔޮ ބަހެއް ނޫނީ ނުބުނުމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނާގައިވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ އިސްލާމްދީން ނުހަނު ބޮޑަށް މަނާ ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި އެ ވާހަކަތައް ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނެ ކަމެއް ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ކުރިން އޭގެ ހަގީގަތް ބަލައި، އެއީ ހަމަ ހިނގިކަމެއްތޯއާއި، ކިހިނެއް ހިނގި ކަމެއްތޯ ބަލަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. އިސްލާމްދީނުގައި ހިޔާލުތަކާއި ޝުއޫރުތައް ފާހަގަކުރުމުގެ މިނިވަންކަން ދީފައިވަނީ މިކަންކަމަށް ރިޔާއަތްކޮށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީހަކު ދައްކާ ކޮންމެ ވާހަކައަކީ އަދި ފަތުރާ ކޮންމެ ހަބަރަކީ ތެދެއްނޫންކަން ފާހަގަކުރަމުން ހުތުބާގައި ވަނީ ދީނާއި މުޖުތަމައުގެ މަސްލަހަތު އެކުލެވޭ ވާހަަކަތައް އިވުމުން އެކަންކަމާމެދު މަސްލަހަތުވެރިން ދެކޭގޮތް އޮޅުންފިލުވުމަށް ގޮވާލާފައެވެ. އެފަދަ ވާހަކަތައް ފަތުރަންވާނީ އެމީހުންގެ ލަފަޔާ ރައުޔާ އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ ބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް ފާޑުފާޑުގެ ވާހަކަތައް ފަތުރައި އުޅޭ ކަމަށާއި، އޭގެ ތެރޭގައި މީހުން ބަދުނާމުވެ އަބުރުގެއްލޭ ޒާތުގެ ވާހަކަވެސް ހިމެނޭ ކަމަށެވެ.

"މި ޒަމާނަކީ ވާހަކަތައް ފަތުރަން ވަރަށް ފަސޭހަ ޒަމާނެއް، މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ވާހަކައެއް ފަތުރައިލުމަށް ފިތަކަށް އޮބާލީމާ އެ ވާހަކަ އެއޮތީ މުޅި ދުނިޔެއަށް އާންމުވެފައި، ހީއެއްގެ މައްޗަށް ބަހެއް ބުނެ އޭގެ މައްޗަށް އަމަލު ކުރުމަކީ ތިބާ ފާފަވެރިވެދާނެ ކަމެއް." ހުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެފަދަ ވާހަކަތައް ފަތުރައިނޫޅުމަށް މިއަދުގެ ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ހުތުބާގައި ބުނީ ބަސްމޮށި އުޅޭންވީ ސައްހަ މިންގަނޑު އިސްލާމްދީނުގައި ބަޔާންކުރައްވާފައި ވާކަމަށެވެ. އަދި ދައްކަންވީ ވާހަކަތަކާއި ނުދައްކަންވީ ވާހަކަތައްވެސް އަންގަވާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަޚުންގެ ޢައިބަތު ފޮރުވާ ބައެއް ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު