އެމެރިކާގައި އެންމެ ގިނަމީހުން ބައިވެރި ކޮށްގެން ކުރާ، ކޮރޯނާވައިރަސް ވެކްސިންގެ އެންމެ ފަހުގެ މަރުހަލާގެ ތަހުލީލުތައް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ފަށައިފިއެވެ. 60،000 މީހުން ބައިވެރިކޮށްގެން ވެކްސިލްގެ އެންމެ ފަހުގެ މަރުހަލާގެ މި ތަހުލީލުތަކުގައި ބޮޑަށް ބެލެވޭނީ ވެކްސިންގެ އެއްޑޯޒް ދީގެން ވައިރަސް ނައްތާލެވޭތޯ ކުރެވޭ ތަހުލީލުތައް ކަމަށް އެސޯސިއޭޓްޑް ޕްރެސްއިން ބުނެފައި ވެއެވެ.

ޖޮންސަން އެންޑް ޖޮންސަންއިން ކުރާ ވެކްސިންގެ މި ތަހުލީލުތައް ފެށުމާއެކު އެމެރިކާގެ ގިނަ ބައެއްގެ އުންމީދު އާވެގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ކަމާބެހޭ އިސް ފަރާތްތަކުން ހާމަކުރާ ގޮތުގައި، އެމެރިކާއަށް މިއަހަރު ފަހުކޮޅު ވެކްސިން ނެރެވޭނެއެވެ. މިއީ އެމެރިކާގައި އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން، އެންމެ ޑޯޒަކުންވެސް ވައިރަސް ނައްތާލެވޭނެ ފުރަތަމަ ވެކްސިނެވެ. އެހެން ހުރިހާ ވެކްސިން ތަކުން މަދުވެގެން ދެ ޑޯޒް ބޭނުންވެއެވެ.

ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ވެކްސިންގެ ގެ މަޢުލޫމާތު ހިއްސާކުރަމުން މި ވެކްސިންގެ ތަހުލީލުތައް އަވަސް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވެއެވެ. ޓްރަމްޕްގެ މިގޮވާލެއްވުމާއެކު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ވެކްސިން އަވަސް ކުރުމަށް ޓްރަމްޕް ކުރާ ޕްރެޝަރ އަކީ ސިއާސީ ފައިދާ އަކަށް ކުރާ ޕްރެޝަރެއް ކަމަށެވެ.

ނަމަވެސް މިކަމާ ބެހޭގޮތުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮމިޝަނާ ބުނެފައިވަނީ، ވެކްސިން އުފައްދައި، ވެކްސިންގެ ރައްކާތެރިކަމާ ބެހޭގޮތުން ގޮތެއް ނިންމާނީ ކަމާގުޅޭ މާހިރުންކަމަށާއި އެކަން ނިންމާނީ ސިއާސީ ވެރިން ނޫންކަމަށެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެކްސިން އުފައްދަން މަސައްކަތް ކުރާ ސައިންސްވެރިންނަކަށް އެއްވެސް ޕްރެޝަރެއް ނެތްކަމުގެ ޔަގީންކަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ކޮމިޝަނާ ދީފައިވެއެވެ.

ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ވެކްސިން އަކީ އެހެން ކުންފުނިތަކުން އުފައްދާ ވެކްސިންތަކާ ތަފާތުކޮށް އުފައްދާ ވެކްސިނެއްކަމަށް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ހާމަކުރެއެވެ. މިއީ މިކުންފުނިން އުފެއްދި އެބޯލާ ވެކްސިންގެ ތަކުރިބާ ބޭނުންކޮށްގެން އެ މޮޑެލްއަށް ތައްޔާރުކޮށްފައިވާ ވެކްސިން އެއްކަމަށްވެސް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ހާމަ ކުރެއެވެ.

މިވެކްސިންގެ މަސައްކަތް އެހެން ވެކްސިންތަކާ އަޅާބަލާއިރު ތަންކޮޅެއް ލަސްވިނަމަވެސް، މިވެކްސިންގެ ގިނަތަހުލީލުތަކުން ރަނގަޅު ނަތީޖާތައް ފެނިފައިވާ ކަމަށް ވެސް ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ބުނެފައިވެއެވެ. ވެކްސިންގެ ނިމިފައިވާ ތަހުލީލުތަކުގެ އަލީގައި އެކުންފުނީގެ ސައިންސް ވެރިން ބުނެފައިވަނީ މިއީ ކޮރޯނާވައިރަސް އާދެކޮޅަށް މަސައްކަތްކުރާ ވަރަށް ކަށަވަރު އަދި ރައްކާތެރި ވެކްސިނެއް ކަމަށެވެ.

ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ މި ވެކްސިން އަކީ އެމެރިކާ ސަރުކާރުން އެއް ބިލިއަން ޑޮލަރު އިންވެސްޓްކޮށްގެން އުފައްދާ ވެކްސިނެކެވެ. ވެކްސިންގެ ހޯދުން ތަކާއި ތަހުލީލު ތަކުގެ އިތުރުން އެއްފަހަރާ ގިން އަދަދެއްގެ ޑޯޒް އުއްދުމުގެ ގާބިލުކަން އިތުރު ކުރުމަށް ވެސް ކުންފުންޏަށް ބޮޑެތި އެހީތައް ސަރުކާރުން ދީފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން