ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހު ފަށާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޮކްޓޯބަރ މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު ޗުއްޓީއަށް ގޮސްފައިވަނީ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމައި މަސްދުވަހުގެ ޗުއްޓީއަކަށް ދިޔައީ މި މަހުގެ 6 ވަނަ ދުވަހުގައެވެ. ނިމުނު ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ އެ ދައުރަށް ހުށައެޅުނު މަސައްކަތުގެ 68 އިންސައްތަ މަސައްކަތް ނިންމުމަށްފަހުކަމަށް މަޖިލީހުގެ ނާއިބުރައީސް ވިދާޅުވިއެވެ.

އަދި ނިމުނު ދައުރުގެ ތެރޭގައި 21 ޤާނޫނަކާއި 9 ގަރާރުގެ އިތުރުން ސަރުކާރުން ހުށަހަޅުއްވާފައިވާ 18 މައްސަލައަކާއި، ރިޔާސަތުން ހުށަހެޅުއްވި 11 މައްސަލައެއްގެ އިތުރުން 16 ކުއްލި މައްސަލައާ، މަޖިލީހުގެ މެންބަރުން ހުށައެޅުއްވި 3 މައްސަލައަކާއި ގުޅޭގޮތުން ގޮތްނިންމައި ވަޒީރުންނާ 30 ސުވާލު ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ފެށިއިރު ފުރަތަމަ ދައުރުގެ ޖަލްސާތައް މަޖިލީހުން ނިންމާލާފައިވަނީ ދައުރު އިތުރު އެއް މަސްދުވަހަށް ދިގު ދައްމާލުމަށްފަހުއެވެ. އަދި ޗުއްޓީއަށް ނުގޮސް ދެވަނަ ދައުރުގެ ޖަލްސާތައް ޖޫން މަހުގެ 1 ވަނަ ދުވަހު ފަށައި، ދެ ވަނަ ދައުރު ނިންމާލުމަށްފަހު މަޖިލިސް މިއަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ގޮސްފައިވަނީ 76 ޖަލްސާ ބޭއްވުމަށްފަހު އެވެ. އެއީ ފުރަތަމަ ދައުރުގައި ބޭއްވި 42 ޖަލްސާ އާއި ދެ ވަނަ ދައުރުގައި ބޭއްވި 34 ޖަލްސާއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ އެންމެ މުހިންމު މަސައްކަތަކަށް އޮންނާނީ އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓް ދިރާސާކޮށް ބަޖެޓް ފާސްކުރުމާއި، މިހާރު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވުމަށް ތައްޔާރުވެފައިވާ ރިވައިޒް ބަޖެޓް ދިރާސާކޮށް ފާސް ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން