ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ކޮވިޑް-19އާ ގުޅިގެން އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ 71 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ވާޗުއަލް ރިސެޕްޝަނުގައި ބައިވެރިވެވަޑައިގެން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް އަލުން ފަށައިގަންނަން ޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު މަސައްކަތަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއި، ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކޮށް ވިޔަފާރީގެ ގުޅުންތަކާއި ދަތުރުފަތުރު އަލުން ފަށައިގަންނަން ޖެހޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ދަތުރުފަތުރުގެ ގުޅުން އަލުން ފަށައިގަތުމާއެކު، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަކީ އެންމެ މުޙިންމު އެއް އަމާޒު ކަމަށެވެ.

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް މިއަހަރު 48 އަހަރު ފުރޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ، ދެޤައުމުގެ ގުޅުމަކީ ތާރީޚީ ގުޅުމެއް ކަމަށާއި، މި ގުޅުން މިހާރަށްވުރެވެސް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެވެ. އެހެންކަމުން މި ސަރުކާރުން "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ކޮވިޑް-19 ގެ ދަތި ހާލުގައި ވެސް ޗައިނާ ސަރުކާރާއި އެޤައުމުގެ ކުންފުނިތަކުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ވިދާޅުވީ ކޮވިޑަށް ޗައިނާއިން އުފައްދާ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރ ޝާހިދު މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު، މިސަރުކާރު ވެރިކަމަށް އައިފަހުން ޗައިނާއާއިއެކު އޮންނަ ގުޅުން ހީނަރުވެ އަވަށްޓެރި އިންޑިޔާއާއިއެކު އޮންނަ ގުޅުން ބަދަހި ކުރަމުން ދާކަން ފާހަގަކުވެއެވެ. އަދި ސަރުކާރުގެ އިސްވެރިން ޚާއްސަކޮށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެކި ފޯރަމްތަކުގައި ޗައިނާއާއި ގުޅޭގޮތުން ދައްކަވަމުން ގެންދަވާ ވާހަތަކާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އިތުރު ހީނަރުކަމެއް އައިސްފައިވާކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ. ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ގެންދަވަނީ ރައީސް ނަޝީދުގެ ތުހުމަތު ތަކަށް ވަރަށް ވަރުގަދައަށް ރައްދުވެސް ދެއްވަމުންނެވެ. ދާދިފަހުން މިދެބޭފުޅުންގެ މި ޒުވާބު ބައިނަލްއަޤްވާމީ މީީޑިއާތަކުގެ ސުރުޚީ ތަކަށް ވެސް ވަނީ އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން