ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަންސް ކޮމިޝަނުން ގެނައުމަށް ހުށަހަޅާ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން އާންމުންގެ ޚިލާޔަށް ހުޅުވާލުމާއެކު އެމްޑީޕީން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނަފައިވަނީ އިލެކްޝަން ކޮމިޝަނުން ހުށަހަޅާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 27 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައިވަކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ ހިޔާލްތައް އެޕާޓީގެ އޮފީހަށް މެއިލް ކުރުމަށްވެސް ޕާޓީން ވަނީ އެދިފައެވެ.

އިލެކްޝަން ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޕާޓީތައް ސަސްޕެންޑު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓިތަކުގެ މައި ދަފްތަރަކީ އީސީން ބަލަހައްޓާ ދަފްތަރެއްގެ ގޮތުގައި ހަމަޖެއްސުމާއި، ޕާޓީތަކުގެ ކޮމިޓީ އަދި ކައުންސިލްގެ މަގާމުތަކުގެ މަދުވެގެން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުން ހިމެނެއެވެ.

އަދި ސިޔާސީ ޕާޓީތަކުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފެބްރުއަރީ މަހުގެ 28 ގެ ކުރިން ހުށައަޅަން ޖެހޭ ގޮތަށާއި، ސިޔާސީ ޕާޓީތަކަށް 31 މާރޗްގެ ކުރިން ފައިސާ ދޫކުރުންވެސް ހިމެނެއެވެ. ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އަކީ ދައުލަތުގެ އާމްދަނީގެ 0.1 ޕަސެންޓް ކަމަށް ވެސް ގާނޫނަށް ހުށައަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކާއި ގުޅޭގޮތުން މިމަހުގެ 29 ވަނަ ދުވަހު ސިޔާސީ ޕާޓީތަކާއެކު ބައްދަލުކުރުމަށް ވެސް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން