ޒަހީނުއްދީން ސަޢީދު   24 ސެޕްޓެމްބަރު 2020 - 17:24
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް)ގެ ކައުންސިލަށް ޔައުގޫބް އަބްދުﷲ އައްޔަން ކުރުމުން އެ މަގާމު އޭނާ ގަބޫލުކުރެއްވުމާއި ގުޅިގެން މެމްބަރު ކަމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ޔައުގޫބުގެ ގޮނޑި ގެއްލިޖެއް ކަމަށް ބުނެ ގާނޫނީ މާހިރުން ސުވާލު އުފައްދާފައިވަނިކޮށް އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޔައުގޫބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ. ހަލީމް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ އަށްވަނަ މާއްދާއާއި 78 ވަނަ މާއްދާއާ ޔައުގޫބު ހިލާފް ވެފައިވާ ކަމަށާއި އެހެން ކަމުން އޭނާ ފުރަމުންދާ ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުން އެދޭ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި މެމްބަރުކަމުން ވަކިވާނެ ހާލަތްތައް އަދި މެމްބަރެެއްގެ ގޮތުގައި ހުރެ އަދާކޮށްގެން ނުވާނެ ވަޒީފާތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމަށެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަަށް ކަނޑައެޅުމަށް ހަލީމް އެ މައްސަލަ ހުށަހެޅުއްވިއިރު، އިދިކޮޅު ޕީޕީއެމް ޕީއެންސީން ވެސް ވަނީ އެ މައްސަލަ ކޯޓަށް ވައްދަން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން