މަސްދޯންޏެއް މަސްއައިނަކަށް އަރައި މަސްބާނަނީ؛ މިފްކޯއިން މިހާރު މަހުގެ އަގު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލައިގެން
މަސްދޯންޏެއް މަސްއައިނަކަށް އަރައި މަސްބާނަނީ؛ މިފްކޯއިން މިހާރު މަހުގެ އަގު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލައިގެން
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިއަދު ދަށްކޮށްފި އެވެ.

މިފްކޯ އިން މިއަދު ވަނީ މަސް ކިލޯއަކުން ދެ ރުފިޔާ ދަށް ކޮށްފައެވެ. މިއީ ސަރުކާރުން މަސް ގަންނަ އަގަށް ބަދަލު ގެނައިފަހުން މިފްކޯ އިން މަސް ގަންނަ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މީގެކުރިން މިފްކޯއިން އައިސްއަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާ ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 20 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 18 ރުފިޔާއަށެވެ.

ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 18 ރުފިޔާއަށް ކަމަށާއި، އައިސް ނާޅާ މަސް ގަންނަނީ 16 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެ އެވެ. މީގެއިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި 10 ރުފިޔާއަށް މިފްކޯ އިން ގަންނައިރު 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 8 ރުފިޔާއަށެވެ.

މިފްކޯ އިން ބުނީ މަސް ގަންނަ އަގު ކަނޑައަޅާފައި ވަނީ ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލު އަންނައިރަށް މިފްކޯ އިން ވެސް މަސް ގަންނަ އަގު ބަދަލުކުރާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. މިމަހުގެ ވިހި ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ.

މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅާފައެވެ. މިގޮތުން  1.5 ކިލޯ އަށްވުރެ ބަރު މަހާއި ކަންނެލި ކިލޯއެއް ގަނެވޭނެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް މަހާއި ކަންނެލި ކިލޯއެއްގެ އެންމެ ދަށްކޮށް ގެނެވޭނެ އަގަކަށް ހަމަޖައްސާފައިވަނީ 5 ރުފިޔާ 15 ލާރިއަށެވެ.

މިސަރުކާރުން މަސްވެރިންނަށް ވެފައިވާ އެންމެ މުހިންމު ވަޢުދަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދޭނެ ކަމުގެ ވަޢުދެވެ. މަސްވެރިން ބާނާ މަހަށް ސަރުކާރުން ކަނޑައަޅާ ހަމަ އަގާއި މެދު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީސް މިނިސްޓަރާއި މެންބަރުން ވަރަށް ގިނައިން ވަނީ ސުވާލު ކޮށްފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް ސަރުކާރުން އެބުނާ ހަމައަގަކީ ކޮބައިކަމެއް ވަޒީރަަކަށް ސާފުކޮށްދެއްވިފައެއް ނުވެއެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން