މިނިސްޓަރު އާއިޝަތު ނަހުލާ
މިނިސްޓަރު އާއިޝަތު ނަހުލާ
ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާއިން މީހުން ބިނާކޮށް މިހާރު މަސައްކަތްކުރާ ސީމަނުންނަށް އިތުރު ތަމްރީނު ދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މެރިޓައިމް ދުވަހާ ގުޅުވައިގެން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ދެއްވި ހިތާބުގައި ވިދާޅުވީ، މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ގުޅޭ ބައިނަލްއަގްވާމީ މުއާހަދާ ވަރަށް އަވަހަށް ސަރުކާރުން ތަސްދީގު ކުރައްވާނެކަމަށެވެ. ސަރުކާރުން ޝިޕިން ކުންފުންޏެއް ގާއިމް ކުރުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ އިންސާނީ ވަސީލަތް ވަރުގަދަކުރުމަށް ލިބުނު ފުރުސަތެއް ކަން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ މި ދަތި ދަނޑިވަޅުގައި ބައެއް ކަހަލަ ކަންކަން ތަންފީޒު ކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް ސަރުކާރުން ވަނީ ޝިޕިން ކުންފުންޏެއްވެސް ގާއިމްކޮށްފައި ކަމަށެވެ.

"މެރިޓައިމް ދާއިރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ނުކުރެވި އޮމާންކަމާއެކު މި ސިނާއަތް ހިންގުމަށް މިވަނީ ހުރަސް އެޅިފައެވެ. ޖޯގުރަފީ ގޮތުން ރާއްޖެ އޮތް ގޮތުން މިކަމުގައި ރާއްޖެއަށް މުހިންމު ރޯލެއް އަދާކުރެވިދާނެއެވެ." މިނިސްޓަރ ނަހުލާގެ ޚިތާބުގައިވެއެވެ.

އިންޑިއާއާއި ރާއްްޖެ އާ ދެމެދު ސީދާ ކާގޯ ޝިޕިންގެ ހިދުމަތް ފެށިކަންވެސް މިނިސްޓަރ ހިޠާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ. ތިމާވެށި ރައްކާތެރިކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ފާހަގަކުރެވިފައިވާ ކަންކަމަށް މެރިޓައިމް ދާއިރާއިންވެސް އަވަސް ހައްލެއް ހޯދަަންޖެހޭ ކަމަށް މިނިސްޓަރު ނަހުލާ ފާހަގަ ކުރެއްވިއެވެ.

މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ ”ސަސްޓެއިނަބަލް ޝިޕިންގް ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް“، ނުވަތަ ”ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް،“ މި ޝިއާރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން