ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ކޮވިޑްގެ މި ބަލިމަޑުކަމުގައި ހެލްތް މިނިސްޓަރަކު ނެތުމާއި އޮޑިޓް ރިޕޯޓްތަކުން ހާމަވި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކަށް ޒިންމާވާންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު ނޭޅޭތީ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ މި ބޮޑު ބަލިމަޑުކަމުގައި އަދިވެސް ހެލްތް މިނިސްޓަރަކު ނެތް ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ނުހަނު ބޭނުން ޖެހިފައިވާ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ ތަކެތި ކޮންޓްރޯލް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތުގެ ފައިސާ އިސްރާފުކޮށްފައިވާއިރު އަދިވެސް އެއިން ފަރާތަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.



ކޮވިޑް-19 އާއި ގުޅިގެން ހިންގާފައިވާ މުއާމަލާތްތައް އޮޑިޓްކޮށް އޮޑިޓަރ ޖެނެރަލް އާންމުކުރެއްވިއިރު ހެލްތު މިނިސްޓްރީ އާއި، ޓުއަރިޒަމް މިނިސްޓްރީ އިން ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަންތައްތަކެއް ހިންގައިފައިވާ ކަން ވަނީ ފަޅާއަރާފައެވެ. މިކަމާ ގުޅިގެން މިނިސްޓަރ އަމީން އަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވާން ފެށުމާއި އެކު އޭނާ ވަނީ އަމިއްލައަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރަށްވަޑައިގެންފައެވެ.

މާލިއްޔަތު ކޮމިޓީގައި ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. މިނިސްޓަރ އަމީން މަގާމުން އެކަހެރިވެވަޑައިގެންނެވިއިރު، އެ އޮޑިޓު ރިޕޯޓާއި ގުޅިގެން ފުލުހުންނާއި އޭސީސީގެ ޖޮއިންޓު ތަހުގީގެއް ހިންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވައިފައެވެ.

ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމެއް ކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. މީގެއިތުރުން ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ގަތުމަށް ހަވާލުކުރި ތަކެއްޗަށް ވީގޮތް ނޭނގޭ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި  ރިޕޯޓުން ވަނީ ހާމަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން