ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ ޕްރޮޖެކްޓާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

އުމަރު ނަސީރުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލާގައި ސުވާލުކުރަން އޭނާ އިއްޔެ އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ކުރި އެންމެ މުހިންމު އަދި އެންމެ ގިނަ ހުރަސްތަކާ ކުރިމަތިވި އެއް ކަމަކީ ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ ޕްރޮޖެކްޓް ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅުމަށްޓަކައި ބާރުގަދަ އެތައް ބަޔަކު ސިޔާސީ، ގާނޫނީ އަދި އިދާރީ ގޮތުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ ހުރަސްތައް 'ފޫއަޅުވާލުމަށް ފަހުއެ ޕްރޮޖެކްޓް ކާމިޔާބުކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދައުލަތަށް ވެސް ބޮޑު ހަރަދަކުން ސަލާމަތްވެވޭނެ ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް ވަޒީރު ކަމުގެ މަގާމުން އޭނާ އިސްތިޢުފާ ދިނުމަށް ފަހު ވަޑައިގެންނެވި އެއްވެސް ވަޒީރަކަށް އެކަން ކުރިޔަށް ގެންދެވިފައި ނުވާ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް އޮތީ މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައި ކަމަށް އުމަރު ވިދާޅުވި އެވެ.

"މިއީ ދައުލަތަށް އަހަރަކު 30 މިލިއަން ރުފިޔާ ހަރަދު ކުޑަކޮށްދޭނެ އަދި ޖަލުތައް ފުރިބަންޑުންވުން ހައްލު ކޮށްދޭނެ، ކުށްވެރިން އަނބުރާ މުޖްތަމައަށް އައުމަށް ފަސޭހަ ކޮށްދޭ މުހިންމު ޕްރޮޖެކްޓެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓް ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ހަވާލު ކުރީ ހުޅުވާލެވިފައިވާ ބިޑެއްގައި އާންމުކޮށް އިއުލާން ކޮށްގެން އަދި އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށެވެ. މި ސަބަބުތަކާއި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއި އޭސީސީގެ ލަފައެއް ހޯއްދަވާފައިވާތީ އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓްގައި ވެސް މިކަމާ ގުޅޭ އެއްވެސް ކަމެއް ފާހަގަ ކޮށްފައި ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މި މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެއްވެސް ގޮތަކުން އޭނާގެ އަމިއްލަ މަސްލަހަތު އޮތް ކުންފުންޏެއް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ ޓެގު އެޅުވުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދަނިކޮށް އެންމެ ފުރަތަމަ މިކަމާ ގުޅޭ މައްސަލައެއް އޭސީސީއަށް ހުށަހެޅީ ކުށްވެރިންނާ ގުޅުން ހުރި އަމިއްލަ ފަރާތަކުން ކަމަށެވެ. އަދި އޭސީސީން އޭރު ވެސް މި މައްސަލަ ބަލާފައިވާ ކަމަށާއި މިހާރު އޮތް ކޮމިޝަނުން މި މައްސަލަ އަލުން ބަލަމުންދާ ކަމަށާއި މި މައްސަލަ ނުނިމި އޮންނަތާ މިހާރު ފަސް އަހަރު ފުރިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން މިފަދަ މައްސަލަތައް ބަލައި ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ އޭނާ އަބަދުވެސް އެދޭ އަދި ވަކާލާތު ކުރާ ގޮތް ކަމަށެވެ. އަދި އެ މައްސަލާގައި އޭނާ ކުށެއްކޮށްފައިވާ ނަމަ އަދަބު ދިނުމަށާއި ކުށެއްކޮށްފައިނުވާ ނަމަ އެކަން އިއުލާނު ކޮށްދިނުމަށް ކުރިން ވެސް ދަންނަވާފައި ވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް ތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އުމަރު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ އިންތިހާބު ގާތްވަމުންދާ ވަރަކަށްމިފަދަ އަޑުތައް އިވެމުންދާނެ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރު ތެރޭ ދެ ސަރުކާރަކުން ވަނީ ހާވައި ބައްލަވާފައި. އެ މަސައްކަތަށް ފަސް އަހަރު ފުރި ހަ ވަނަ އަހަރަށް އެޅެމުންދާއިރު، "ހުދު ވަލެއް" ނޫން އެއްޗެއް އަދި ފެނިފައި ނުވާކަން ފާހަގަކުރަން." އުމަރު ވިދާޅުވި އެވެ.

ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ކަރެކްޝަންސް ސާވިސް ގުޅިގެން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ސްޓަލްވާޓް މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން