ޒަހީނުއްދީން ސަޢީދު   25 ސެޕްޓެމްބަރު 2020 - 0:54
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު
ޕީޕިއެމް، ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ރައީސް ޔާމިންގެ ރަނިންމޭޓެއްގެ ގޮތުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ. މުހަންމަދު ޝަހީމް އެޑްވައިޒަރު ކަމުގެ މަގާމަށް ހަމަޖެެއްސި ކަން އިއުލާންކުރީ ޕްރޮގުރެސިވް ކޯލިޝަނުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ، އޭނާގެ އެންމެ އިސް މަސައްކަތަކަށްވާނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކޯލިޝަންގެ ލީޑަރު ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކަމަށެވެ. ރައީސް ޔާމީން މިނިވަންވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށާއި، އެކަމާ ގުޅޭގޮތުން ކުރެވޭނެ ކިތަންމެ ބަހުސެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލީގަލް ޓީމާ ގުޅިގެން ވިޔަސް ރައީސް ޔާމީން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމުގެ މަތިވެރި ޒިންމާ އެޅިފައި ވަނީ ޕީޕީއެމް، ޕީއެމްސީ ކޯލިޝަނުގެ މެންބަރުންގެ އިސްތަށިފުޅުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ޔާމީން ވެރިކަމުގައި ހުންނެވި ފަސް އަހަރަށް ވުރެ ވެސް ބޮޑަށް ރައީސް ޔާމީންގެ ހިދުމަތް މިއަދު މާ ބޮޑަށް ގައުމަށް ބޭނުންވެފައިވާ ކަމަށެވެ.

ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަނަށް އިތުރު ދެ އެޑްވައިޒަރަކު ދާދިފަހުން ވަނީ އައްޔަނު ކޮށްފައެވެ. އެއީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަނާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން