ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ވޭތިވެދިޔަ އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ގުޅި މެންބަރުން އެންމެ އިތުރުވި ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެމްބާޝިޕް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު އަކްރަމް މިރޭ ވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ ފަހުގެ ދަފްތަރު އާންމުކުރައްވާފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި މެންބަރުން އިތުރުވެފައެއް ނުވެއެވެ. އެހެންނަމަވެސް ސަރުކާރާއި އިދިކޮޅު ޕީޕީއެމް އަދި ސަރުކާރު ކޯލިޝަން ޖޭޕީ އިން ފާއިތުވި އެއްހަރުގެ މުއްދަތުގެ ތެރޭގައި މެމްބާޝިޕް ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.



މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާއި ހަމައަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގައި 53،590 މީހުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ދެއްކި ނަމަވެސް މިރޭ އަކްރަމް އާއްމު ކުރެއްވި ދަފްތަރުން މެންބަރުންގެ އަދަދު މަދުވެ އެޕާޓީގެ މެންބަރުން ތިބި އަދަދު ވަނީ 52،952 އަށް ވެއްޓިފައެވެ. އެހެންކަމުން ފާއިތުވި އެއް އަހަރުގެ ތެރޭގައި 638 މީހުން އެޕާޓީ އިން ވަކިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ހާމަވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހާއި ހަމައަށް ޖޭޕީގައި 10،158 މެންބަރުން ތިބި ކަމަށް އިލެކްޝަނުގެ ވެބްސައިޓުން ދެއްކި ނަމަވެސް މިހާރު އެ އަދަދު ވަނީ 13،852 އަށް އިތުރުވެފައެވެ. އެހެންކަމުން ފާއިތުވި އެއް އަހަރުގެ މުއްދަތުގެ ތެރޭގައި 3،667 މީހަކު އެޕާޓީ އާއި އަލަށް ގުޅިފައިވާކަން ފާހަގަކޮށްލެވެއެވެ.

އިދިކޮޅު ޕީޕީއެމްގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް 36،801 މެންބަރުން ތިބިއިރު އެޕާޓީ އަށް ވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި ވަނީ މެންބަރުންގެ އަދަދު އިތުރުވެފައެވެ. އެގޮތުން ފާއިތުވި އެއް އަހަރު 343 މެންބަރުން އެޕާޓީ އަށް އިތުރުވެ 37،144 އަށް ޖުމްލަ މެންބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޕީޕީއެމް އަށް މެންބަރުން އިތުރުވި ނަމަވެސް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީ އިން މެންބަރުން ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެޕާޓީގައި 4،455 މެންބަރުން ތިބި ނަމަވެސް މިހާރު އެޕާޓީގައި ތިބީ 4،004 މެންބަރުންނެވެ.

މިދިޔަ އަހަރު ލޭބާ ޕާޓީގައި 2،915 މެންބަރުން ތިބިއިރު މިހާރުގެ ދަފްތަރުން ދައްކާ ގޮތުގައި އެޕާޓީގައި ތިބީ 2،881 މެންބަރުންނެވެ. އެމްޓީޑީގައި 3،454 މެންބަރުން މިދިޔަ އަހަރު ތިބި ނަމަވެސް މިހާރު އެޕާޓީ އިންވެސް މެންބަރުން ވަނީ މަދުވެފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެޕާޓީގައި ތިބީ 3،171 މެންބަރުންނެވެ. ސަން ޓްރެވަލް ސިޔާމްގެ އެމްޑީއޭއިން ވެސް ފާއިތުވި އެއް އަހަރުގެ ތެރޭގައި މެންބަރުން ވަނީ މަދުވެފައެވެ. އެގޮތުން 769 މެންބަރުން އެޕާޓީން ވަނީ ވަކިވެފައެވެ. މިހާރު އެޕާޓީގައި ތިބީ 8،178 މެންބަރުންނެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލީޑު ކުރައްވާ އަދާލަތު ޕާޓީގައި މިދިޔަ އަހަރު ތިބީ 6،436 މެންބަރުންނެވެ. ނަމަވެސް މިހާރު އެޕާޓީގައި ތިބި ކަމަށް ދައްކަނީ 6،640 މެންބަރުންނެވެ. އެހެންކަމުން އެޕާޓީއަށް މިވަނީ ކޮންމެވެސް ވަރަކަށް މެމްބަރުން އިތުރުވެފައެވެ.

ރާއްޖޭގައި ގަވާޢިދުން ރަޖިސްޓްރީކޮށްގެން 10 ސިޔާސީ ޕާޓީ ހިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން