ބްރިގޭޑިއަރ ރިޓަޔަޑް އިބްރާހިމް ދީދީ
ބްރިގޭޑިއަރ ރިޓަޔަޑް އިބްރާހިމް ދީދީ
ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްގެ ކޮންޓްރެކްޓަރުން ޕްރޮޖެކްޓް ހިންގުމަކީ ގައުމު ވިއްކާލުން ނޫން ކަމަށް ބްރިގޭޑިއާ ރިޓަޔަޑް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ބޭރު ގައުމުތަކުގެ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް އާންމުކޮށް ހިންގަނީ އެހީދޭ ގައުމެއްގެ ކޮންޓްރެކްޓަރުން ކަމަށެވެ. ބޭރުގައުމަކުން ފަންޑްކުރާ މަޝްރޫޢެއް އެގައުމެއްގެ ކުންފުންޏަކުން އައިސް ހިންގުމަކީ އެއީ ގައުމު ބޭރު ބަޔަކަށް ވިއްކާލުން ނޫން ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

"ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެތަން ރާއްޖޭގެ ކުންފުންޏަކުން ނުހިންގޭނެ އެއްބަސްވުމެއް މިސަރުކާރުން ވެފައި އޮތީތޯ؟" އިންޑިއާގެ ކުންފުންޏަކުން ހަނިމާދޫ އެއާރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގުމާއި ދެކޮޅަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން ދީދީ ސުވާލުކުރެއްވިއެވެ.

އޭނާ ވަނީ ސިޔާސީ އެޖެންޑާ އެއްގެ ދަށުން ހަންފަތުރަން ކުރާ ކަންކަމުގައި ގައުމުގެ ސަލާމަތާއި ސިޔާދަތާއި ގުޅުވައިގެން ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަކީ ޒިންމާދާރު ސިޔާސީ މަސައްކަތެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ދީދީ މިހެން ވިދާޅުވެފައިވާއިރު ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އިންޑިޔާގެ އެހީތެރިކަން ސަރުކާރުން ހޯދާތީއާއި އަދި އިންޑިއާގެ ކުންފުންޏަކުން އެމަޝްރޫޢުގެ މަސައްކަތް ހިންގުން އެއީ ގައުމު ވިއްކާލައި އެގައުމުގެ ބާރުވެރިކަން ރާއްޖޭގައި އިތުރުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ. މީގެއިތުރުން އިންޑިޔާ އިން ރާއްޖެ އަށް ދޭ އެހީތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢު ހިންގަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ކްރެޑިޓްލައިނެއްގެ ތެރެއިންނެވެ. އެގޮތުން ހުސްވި ހަފުތާފައި އިންޑިއާގެ ކުންފުންޏަކުން ވަނީ އެއަރޕޯރޓްގެ ދިރާސާތައް ވެސް ފަށާފައެވެ.

މީގެކުރިން އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މައި ބައިނަލްޤްވާމީ ވައިގެ ބަނދަރު ވެސް ވަނީ އިންޑިއާގެ ކުންފުންޏަކަށް ކުއްޔަށްދީފައެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅަށް ނުކުމެ އިންޑިއާގެ ކުންފުނި އަތުން ވައިގެ ބަނދަރު އަތުލީ ބޮޑު އަގެއް ދައްކާފައެވެ. އޭރު އެކަމާއި ދެކޮޅު ހަދައި އިހުތިޖާޖުކޮށް އެއަރޕޯރޓް އަތުކަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުން މިއަދު ތިއްބެވީ ސަރުލާރުގެ ކޯލިޝަންގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން