ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (މ)
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (މ)
އެމްޑީޕީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ދެމަފިރިއަކަށް އެކުގައި ފްލެޓް ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަށް ފްލެޓް ލިބިފައިވާ 976 މީހަކު އެމްޑީޕީ ސަރުކާރުން އިއުލާނުކުރި ފްލެޓް ލިސްޓުގައި ހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްޠަލިބްގެ ވާހަކަތައް ދޮގު ކުރަށްވަމުން އަކްރަމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމް ހިންގާފައި ވަނީ މީގެކުރިން ވެސް ސަރުކާރުން ހިންގާފައިވާ ހުރިހާ ސްކީމެއްގައި އަމަލު ކޮށްފައިވާ ގޮތަށް އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަން ނުލިބޭ ގޮތަށް ކަމަށެވެ.

"މުއްތަލިބު ވިދާޅުވެފައި ވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި 900 އެތައް ބަޔަކަށް އެގޮތަށް ފްލެޓު ދީފައިވާ ކަމަށް. އެއީ ކަނޑައެޅިގެން އިތުރުފުޅެއް." އަކްރަމް ވިދާޅުވިއެވެ.

އޭގެއިތުރުން އަކްރަމް ވަނީ މުއްޠަލިބު ވިދާޅުވިގޮތަށް ކަންތައްތައް ކުރަމުންދަނީ މިސަރުކާރުން ކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި 76 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ނުދީ 75 ޕޮއިންޓު ލިބުނު ބަޔަކަށް ފްލެޓު ދީފައިވާ ކަމަށް މުއްތަލިބު ވިދާޅުވަނީ ކަން ހިނގާފައިވާގޮތް އެނގިވަޑައި ނުގަންނަވާތީ ކަމަށްވެސް އަކްރަމް މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު އަނބިމީހާ އާއި ފިރިމީހާ ގެދޮރުވެރިޔާ ސްކީމުގެ ދެ ކެޓެގަރީއަކަށް ކުރިމަތިލާފައި އޮތްނަމަ އޭގެތެރެއިން ކޮންމެވެސް އެއް ކެޓެގަރީއެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުމަށް ފްލެޓުތައް ހޯލްޑު ކޮށްފައިވާނެކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

"ހޯލްޑު ކުރެވިފައި ހުރި ފްލެޓުތަކުގެ ވާހަކަ އެ ދައްކަވަނީ އަޅުގަނޑުމެން 76 އަކުން މަތިން ލިބުނު މީހުންނަށް ނުދީ އެބަހުއްޓޭ،. އެއީ ކަނޑައެޅިގެން އޮޅުވައިލުމެއް." އަކްރަމް ވިދާޅުވިއެވެ.

މުއްޠަލިބުގެ ވާހަކަތައް އަކްރަމް ދޮގު ކުރަށްވާފައި ވާއިރު، ކުރީ ސަރުކާރުން ހިންގި "ގެދޮރިވެރިޔާ" ސްކީމްގެ ދަށުން ފްލެޓުތައް ލިބޭ ކަމަށް ކަނޑައަޅާފައިވާ 4939 މީހުންގެ ލިސްޓަށް މި ސަރުކާރުން އެއްވެސް ނަމެއް އިތުރު ކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ލިސްޓުން ބައެއް ނަންތައް އުނިކޮށްފައިވާނެ ކަމަށާއި، އެގޮތުން ލިސްޓުން އުނިކޮށްފައިވާނީ އަސާސީ ޝަރުތުތައް ހަމަނުވާކަން ޔަގީންވާ، އަދި ކޯޓު މަރުހަލާއަކަށް ދިޔަކަމުގައި ވީނަމަވެސް ކޯޓަށް އެކަން ސާބިތުކޮށްދެވޭނެކަން ޔަގީންވާ ފަރާތްތައް ކަމަށް މުއްޠަލިބު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު