ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ކުރީގެ ރައީސް މުހައްމަދު ނަޝީދު-
ސްޕީޑްބޯޓުގައި ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓުތައް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ނިޒާމް ގުޅުވާލުމަށް ރަނގަޅު ޕްލޭނެއް ނެތްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގައި އިތުރު ދެ އެއާޕޯޓު އެޅުމަށް އެއްބަސްވުންތަކެއް އެކުލަވާލުމާ ގުޅިގެންނެވެ. މި އެއާޕޯޓުތައް ނިމި އޮޕަރޭޓު ކުރަން ފެށުމުން ށ. އަތޮޅުގައި އެކަނިވެސް 3 އެއާޕޯޓު ހިންގަމުންދާނެއެވެ.

މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ އުތުރުގައި 4 އެއާޕޯޓު އޮއްވާ، އިތުރު ހަތަރު އެއާޕޯޓު މި އަަޅަނީ 19 މިނިޓާއި 36 މިނިޓާ ދޭތެރޭގައި ސްޕީޑްބޯޓުގައި ދަތުރުކުރެވޭހާ ކައިރިކައިރީގައި ކަމަށެވެ.

މީގެ ސަބަބުން އެއާޕޯޓުތަކުގެ އިގްތިސާދު ދަށަށް ގޮސް، ގައުމީ އެއާލައިނުގެ ހަރަދުތައް އިތުރުވެ، ލޯކަލް ޓޫރިޒަމަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެވެސް އިގްތިސާދީ ނުވަތަ މާލީ ދެކޮޅު ޖެހުމެއް ނެތުން. ގައުމީ އެއާލައިނަށް ދެ އުޅިއެއް ނުވާ ހަރަދުތަކެއް ހިންގަން ޖެހުން، އަދި ލޯކަލް ޓޫރިޒަމަށްވެސް ކުރަންވީ މަންފާ ނުކުރުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސްޕީޑް ބޯޓުގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭނެއް ނެތްކަން ކަމަށެވެ. އަދި މިކަމުން ދައްކަނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަން ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް