މަސްމާރުކޭޓް ސަރަހައްދުގައި މަސް ދޯނިތައް އަޅާފައި
މަސްމާރުކޭޓް ސަރަހައްދުގައި މަސް ދޯނިތައް އަޅާފައި
ސަރުކާރުގެ ވިސްނުމަކީ ޒަމާނުއްސުރެ އެކަން އޮންނަ ގޮތަށް މަސްވެެރިކަމަކީ އާއިލީ ވިޔަފާރިއަކަށް ހެދުން ކަމަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ރޭ  ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ، މަސްވެރިން ވެސް އެމީހުންގެ އަތްމަތިން މި މަސައްކަތް ބީކޮށްލައިގެން ނުވާނެކަމަށެވެ. އަދި ބޭރު މީހުން ސިނާއަތުގައި ހަރަކާތްތެރިވާނަމަ މެދުފަންތީގެ އޮޑިވެރިންނަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށާއި މި ސަރުކާރުން އެ ފުރުސަތެއް ނުދޭނެކަމަށް ހަސަން ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މި ސަރުކާރަކުން އެ ފުރުސަތެއް ނުދެއްވާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މަސްވެރިކަން އޮންނަން ޖެހޭނީ އަޅުގަނޑުމެންގެ އާއިލާތައް އަތް މަތީގަޔޭ." ހަަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ގަވާއިދުތަކަށް އަމަލު ނުކުރާނަމަ، އެއީ އިލީގަލް ( ގާނޫނާ ޚިލާފު) ފިޝިންގ ކަމަށް ބެލެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މަސް އެކްސްޕޯޓް ކުރުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް، އޭނާ ވިދާޅުވިއެވެ.

މަސްވެރި ކަމުގައި ބިދޭސީން އުޅޭ މައްސަލަ ހައްލުކުރުމަށް ކަމާއިގުޅޭ ވުޒާރަތަކާއި ގުޅިގެން މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށް ހަސަން ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާއަތުގައި އަދި މަސްދޯނިތަކުގައި ބިދޭސީން އުޅުނު ނަމަވެސް އެފަދަ ހުއްދައެއް މިހާތަނަށް ދީފައި ނުވާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މަދުން ނަމަވެސް ބިދޭސީން ދޯނިފަހަރުގައި ގެންގުޅުމަށް ހުއްދަ ދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ކޮންމެވެސް ވަރެއްގެ ލުޔެއް މިކަމަށް ދޭން. އެއީ މިސާލަކަށް ބުނަންޏާ ދޯނި ފަހަރު ބެލެހެއްޓުން. މިކަހަލަ ކަންތައްތަކަށް އެކަކު ނަމަވެސް ދެމީހަކު ނަމަވެސް ދިނުމުގެ ހިޔާލެއް މިނިސްޓްރީން އެބަ ގެންގުޅޭ. އެހެންނަމަވެސް އަދި މިކަމެއް ނުކުރޭ." ހަސަން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-11

ރަސިދު

26-Sep-2020

ހަސަން ތިދެނީ މަސްވެރިންންަށް އިންޒާރު. ދެން އަހަރުމެނަސް ތިކަމަށް ހައްލެއް ހޯދުމަސް ދާނީ އިންޑިއާ ހައިކޮމިޝަންސް. ބަލަންހުރޭ