އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު-
އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު-
އައްޑޫ ރޫޅާލާ އިންތިހާބުގެ ކަންކަން ބަލަހައްޓާ އިސްފަރާތަކީ މާލެއިން ވަޑައިގަންނަވާ ބޭފުޅުންނަށް ވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވެފައި މިވަނީ އައްޑޫގެ 3 ރަށެއްގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ކަންކަން ބަލަހައްޓާ ފަރާތެއް ކަނޑައެޅުމުގައި އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާނުކޮށް އިލެކްޝަންސް ކޮމިޝަނުން އެކަން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ބާއްވާ އިންތިހާބުތަކުގެ ކަންކަން ބަލަހައްޓާ އިސްފަރާތްތައް ކަނޑައަޅަނީ އެ އަތޮޅެއް ނުވަތަ އެ ސިޓީއެއްގެ ކައުންސިލްތަކާއި މަޝްވަރާކޮށް އެތަނަކަށް ނިސްބަތްވާ ފަރާތްތައް ކަމުގައެވެ. ނަމަވެސް މިހާރު ބާއްވަން އުޅޭ ހިޔާލު ފާޅުކުރުމުގެ އިންތިހާބުގައި މިކަން އޮތްގޮތް ތަފާތުވުމުން ނިޒާރު ވަނީ ފާޑުވިދާޅުވެފައެވެ.

"އައްޑޫ ރޫޅާލާ އިންތިހާބުގެ ކަންކަން ބަލަހައްޓަވާ އިސްފަރާތްތަކަކީ މާލެއިން ވަޑައިގަންނަވާ "ބޭފުޅުން"ނަށް ވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް." ނިޒާރު ވިދާޅުވިއެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވީ މި ވޯޓުގެ ކަންކަން ބަލަހައްޓާ އިސް ފަރާތެއްގެ ގޮތުގައި މާލޭ ބޭފުޅުން ކަނޑައެޅުމަކީ ވަރަށް ނުރައްކާތެރި އިޝާރާތެއް ކަމުގައެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ. މި ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މި ވޯޓުގައި ބައިވެރިވެވޭނީ ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަށް އީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު