މެލޭޝިޔާގެ ކޮންޑޮމީނިއަމް އިމާރާތެއް
މެލޭޝިޔާގެ ކޮންޑޮމީނިއަމް އިމާރާތެއް
މެލޭޝިޔާއަށް އެތެރެވާ ބިދޭސީންގެ އަތުން ކަރަންޓީނަށް ނަގާ ފީ 5000 ރިންގިޓަށްވުރެ ބޮޑުކުރުމާއެކު މެލޭޝިޔާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުން އިތުރުވެ މިކަމަށް ހައްލެއް ހޯދައިދިނުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އެދެން ފަށައިފިއެވެ.

ކޯވިޑް-19އާއި ގުޅިގެން މެލޭޝިޔާގެ ބޯޑަރ ބަންދުކޮށް އެތެރޭގެ ދަތުރުފަތުރާއި ހަރަކާތްތައް ކޮންޓްރޯލް ކުރުމާއި ގުޅިގެން މެލޭޝިޔާގައި ތަޢުލީމު ހާސިލު ކުރަމުން ދިޔަބ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މެލޭޝިއާގައި ތިބި ދިވެހީން ރާއްޖެ ގެންދިއުމަށް ބޭއްވި ޚާއްޞަ ފްލައިޓް ތަކުން ރާއްޖެއަށް ގޮސްފައެވެ. މެލޭޝިޔާގައި ކޯވިޑްގެ ހާލަތު ރަނގަޅުވެ ސެޕްޓެމްބަރު އެކެއްގައި އައު އާންމު އުސޫލުތަކާއެކު ސްކޫލް ތަކާއި ޔުނިވަރސިޓީ ތަކުގައި ކިޔެވުން ވަނީ ފަށާފައެވެ. މެލޭޝިޔާގައި އަލުން ކިޔެވުން ފަށާފައިވާތީ މެލޭޝިޔާއަށް ދަތުރުފަތުރު ކުރުމުގެ ޚާއްޞަ އުސޫލު ތަކާއެކު ދިވެހި ދަރިވަރުން ދަނީ މެލޭޝިއާއަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން 14 ދުވަހު ކޮރަންޓީން ވާގޮތަށް މީގެކުރިން ބައެއް ދަރިވަރުން ވަނީ ޚާއްޞަ ފްލައިޓަކުން މެލޭޝިއާއަށް ދަތުރުކޮށްފައެވެ. މިހާތަނަށް އަމަލު ކުރަމުން ގެންދިޔަ އުސޫލުގައި ވާގޮތުން މެލޭޝިއާއަށް އަންނަ ބިދޭސީން ކޮރަންޓީންވާން ދައްކަން ޖެހެނީ ބޮލަކަށް 750 ވަރަކަށް ޑޮލަރެވެ.

އަލަށް ހެދި އުސޫލުގައި ވާގޮތުން މެލޭޝިޔާއަށް އެތެރެވާ ބިދޭސީންގެ އަތުން ކޮރަންޓީނަށް ނަގާ ޖުމުލް ފީ 5070 ރިންގިޓް ނުވަތަ 1267 އެމެރިކަ ޑޮލަރަށްވުރެ ބޮޑުކުރުމާއެކީ، މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީގެ ވައިބާ ގްރޫޕްގައި މެލޭޝިޔާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދިވެހި ދަރިވަރުންގެ ކަންބޮޑުވުން ހާމަކުރަން ވަނީ ފަށާފައެވެ. ވައިބާ ގްރޫޕްގެ ގިނަ މެސެޖް ތަކުން ހާމަވާ ގޮތުގައި، މެލޭޝިޔާ ސަރުކާރުން މިއުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިހާރު ދަތުރު ކުރަން ތާވަލު ކޮށްފައިވާ ޚާއްޞަ ދެ ފްލައިޓަކުން މެލޭޝިޔާއަށް ދާން ޓިކެޓްވެސް ނަގާފައި ވަނިކޮށެވެ.

މެލޭޝިޔާ ސަރުކާރުން ގެނައި މިކުއްލި ބަދަލާއެކު ގިނަ ބައެއްގެ ހިތްހަމަ ނުޖެހުން އިތުރުވެ، މިކަމަށް ހައްލެއް ހޯދައިދިނުމަށް އެދި އެމްބަސީގައި ދަނީ އާދޭސް ކުރަމުންނެވެ. ނަމަވެސް އެމްބަސީން މިކަމަށް އަދި އެދެވޭ ޖަވާބެއް ދީފައި ނުވާކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މެލޭޝިޔާއަކީ ކޯވިޑް-19 އާއި ގުޅިގެން މިފަދަ ގިނަ ކަންކަމުގައި ބިދޭސީންނާއިމެދު ވަރަށް ހަރުކަށިކޮށް އަމަލުތައް ބަހައްޓަމުން ގެންދާ ގައުމެކެވެ. ކޯވިޑާއި ގުޅިގެން ވިސާގެ މައްސަލަ ތަކުގައި ވެސް ބައެއް މީހުން އިމިގްރޭޝަނަށް ދިއުމުން 14 ދުވަސް ތެރޭގައި ގައުމުން ބޭރުވުމަށް އަންގާފައި ވެއެވެ. މިފަދަ އެއްވެސް ކަމެއްގައި މެލޭޝިއާ ސަރުކާރުން ދިވެހީންނަށް ލުއިތަކެއް ދީފައެއް ނުވެއެވެ. އަދި މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީއާއި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއި ދެމެދު މިފަދަ މުއާމަލާތްތައް ހިންގުމުގައި އުނދަގޫތަކެއް ހުންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިކަމާ ގުޅޭގޮތުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ބުނެފައިވަނީ، މިއީ މެލޭޝިޔާގެ ސަރުކާރުން، މެލޭޝިޔާ އަށް ދަތުރު ކުރާ ހުރިހާ ބިދޭސީންގެ އަތުން ނެގުމަށް ހަމަޖެހިފައިވާ ފީއެއްކަމަށާއި، ވީމާ މިކަމުގައި ދިވެހީންނަށް ވަކި އުސޫލެއް ހަމަޖެއްސުން އުނދަގޫ ވާނެކަމެވެ.

މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީ އިން ބުނާގޮތުން، މިހާރު ކޮރަންޓީނަށް 2100 ރިންގިޓް، އޮޕަރޭޝަނަލް ކޯސްޓް ގޮތުގައި 2600 ރިންގިޓް، ކޮވިޑް ޓެސްޓަށް 250 ރިންގިޓް އަދި ކޮރަންޓީން ނިންމުމަށްފަހު ހަދާ ކޮވިޑް ޓެސްޓަށް ދައްކަންޖެހޭ 120 ރިންގިޓާއެކު މުޅި ޖުމްލަ 5070 ރިންގިޓު ކޮރަންޓީނަށް ހޭދަވާނެ އެވެ. އެއީ ގާތްކަނޑަކަށް 1،267 އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ގާތްގަނޑަކަށް 19537 ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން