ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
އެސްއީޒެޑް ޤާނޫނު އިސްލާޙު ކުރަނީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ލިބޭގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތައް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށައެޅުއްވި އިސްލާޙަށް ބަހުސް ކުރަށްވަމުންނެވެ.

ޝުޖާއު ހުށައެޅުއްވި އިސްލާޙަށް ކަންބޮޑުވުން ފާޅު ކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، މި ބިލު މަޖިލީހުން ފާސްކޮށްފިނަމަ ރާއްޖޭގައި މިހާރު ރިސޯޓު ވިޔަފާރި ހިންގަމުންދާ މީހުންނަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގާ ރިސޯޓުތަކާ ވާދަ ނުކުރެވޭނެ ކަމަށެވެ.

"ވިލާ ވިއްކާފައި އަހަރުމެންނަށް ދޭށޭ އެއް ޕަސެންޓު، މި ގާނޫނުގައި އިންގޮތް. ޑްރާފްޓުގައި އިންގޮތް." ޑރ. ޝަމްހީދު މިއަދު ވިދާޅުވެފައިވެއެވެ،

އަދި މިއީ ނުރައްކާތެރި އިސްލާޙެއް ކަމަށާއި، ބިލު ފަރުމާ ކޮށްފައި އޮތީ ބޭރު މީހުންނަށް ރާއްޖޭގެ ބިން ހިލޭ ދީ ހަލާސްކުރެވޭ ގޮތަށް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އޭގެއިތުރުން މި ބިލުގެ ހަގީގީ ބޭނުމަކީ ނ. އަތޮޅުގައި 11 ރަށް ހިއްކައިގެން ހަދާ ރިސޯޓެއް ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހެދުމަށްފަހު ޓެކުހުން އެތަން ބަރީއަކޮށް ފައިދާގެ ގޮތުގައި ކުޑަ އިންސައްތައެއް ދަޢުލަތަށް ހޯދުން ކަމަށްވެސް ޝަމްހީދު ތުހުމަތު ކުރެއްވިއެވެ.

"ސަސްޓެއިނެބަލް ޓައުންޝިޕެއް މާނައަކީ ޓޫރިސްޓު ރިސޯޓެއް 500 މިލިއަން ޑޮލަރަށް ހަދާފައި އެތަނުގައި ހޮޓެލް ސްކޫލަކާއި ހަސްފަތާލެއް އެޅީމާ ކަލޭމެންނަށް މިއަދުން ފެށިގެން ތި ހަދަން ގެންނަ ތަނަށް ގެންނަ އިމްޕޯޓް ޑިއުޓީ ފްރީ. ޓީޖީއެސްޓީ ފްރީ. ގްރީން ޓެކްސް ފްރީ." ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުުވެފައިވާއިރު، ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުގައި އޮތީ، ސަސްޓެއިނެބަލް ޓައުންޝިޕެއްގެ ގޮތުގައި ކަނޑައަޅާ ސަރަހައްދަކުން ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދޭއިރު، އެކޮޓަރިއެއް ނުވަތަ ވިލާއެއްގެ ހައްގުތައް ވިއްކައިގެން ލިބޭ އާމްދަނީން ޕްރޮޕަޓީ ޓްރާސްފާ ޓެކްސްގެ ގޮތުގައި ފުރަތަމަ ފަހަރު ދައުލަތަށް ދައްކަންޖެހޭނީ އާމްދަނީގެ އެއް ޕަސެންޓެވެ. ދެވަނަ ފަހަރު ދެ ޕަސެންޓު އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކުން ލިބޭ އާމްދަނީ ހަތަރު ޕަސެންޓު ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭނެއެވެ.

އޭގެއިތުރުން އެފަދަ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއެއްގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭނެ ކަމަށް އެ ބިލުގައި ބަޔާން ކޮށްފައި ވަނީ ފުރަތަމަ 10 އަހަރަށް ފަސް ޕަސެންޓުގެ ރޭޓުންނެވެ. 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރާ ހަމައަށް 10 ޕަސެންޓުގެ ރޭޓުން ޓެކްސް ދައްކަންޖެހޭއިރު، 21 ވަނަ އަހަރުން ފެށިގެން 15 ޕަސެންޓު ދައްކަންޖެހޭނެ ކަމަށް އެ ބިލުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު