އަހުމަދު ސަރުވަޝް އާދަމް
އަހުމަދު ސަރުވަޝް އާދަމް
އެމްއެމްއޭ އިން އިންޖެކްޓް ކޮށްގެން ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއް ގަތުމުގެ މުއާމަލާތުގައި ސީރިއަސް ކަންބޮޑުވުން އެބަހުރި ކަމަށް ވިދާޅުވެ ޕެންޝަން ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް މިއަދު އެބޯޑުން އިސްތިއުފާ ދެއްވައިފިއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ސަރުވަޝް ވިދާޅުވީ، އެމްއެމްއޭއިން ފައިނޭންސް ކުރާ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީގޮތުންނާއި، އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށެވެ.

އަދި މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއްކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށްވެސް ސަރުވަޝް ވިދާޅުވެފައިވެއެވެ.

"އެމްއެމްއޭއިން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އަޅުގަނޑު ޕެންޝަން ބޯޑުން އިސްތިއުފާ ދީފީން." ސަރުވަޝް ވިދާޅުވެފައިވެއެވެ.



މި ސަރުކާރުގެ މާލީ ބައެއް ސިޔާސަތުތަކާމެދު ކަންބޮޑުވުން ހުރިކަމަށް ވިދާޅުވެ، ފެބްރުއަރީ 2024 ގައި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

އެމްއެމްއޭ އިން އިންޖެކްޓް ކޮށްގެން ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއް ގަންނަން ނިންމާފައިވާ ކަމަށް ސަރުވަޝް ވިދާޅުވެފައިވާއިރު، ރަސްމާލެ ހިއްކަން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާފު ކުރަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް މީސްމީޑިއާގައި ވަނީ ފެންމަތިވެފައެވެ.

އެގޮތުން ރަސްމާލެ ހިއްކުމަށްޓަކައި އެމްއެމްއޭއިން 2.4 ބިލިއަން ރުފިޔާ ޕެންޝަން ފަންޑަށް އިންޖެކްޓްކޮށް އެފައިސާއިން ޕެންޝަން ފަންޑުން ފިނޭންސް މިނިސްޓްރީން ބޮންޑް ގަނެގެން އެފައިސާ ސަރުކާރުގެ ބޭނުމަށް ލިބޭނެ މަގު ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާއެއްގައި ވަނީ ރިޕޯޓް ކޮށްފައިވެއެވެ.

މިފަދަ ޚަބަރުތަކެއް މީޑިއާ އަށް ތިލަވެފައިވާއިރު ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތުގެ ކުރިންނާއި، އޭގެ ފަހުންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ 5 އަހަރުގެ ދައުރު ނިންމަވާ ލައްވާނީ، ފައިސާ ޗާޕު ކުރުމެއްނެތި ކަމަށެވެ. އަދި އެމަނިކުފާނު ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕްކުރުން ހުއްޓާލާފައިވާ ކަމަށާއި، ފައިސާ ޗާޕުކުރުމަކީ އިހްލާސްތެރި މަގު ނޫން ކަމަށްވެސް ރައީސް ޑރ. މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު