އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 79.2 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 18724 (އަށާރަހާސް ހަތްސަތޭކަ ސައުވީސް) މީހުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ވަނީ ހުށައަޅާފައެވެ. މީގެތެރެއިން 7742 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ޖުމްލަ 79.2 މިލިއަން ރުފިޔާއެވެ.

އިންންކަމް ސްޕޯޓް ލިބޭނެ ހާލަތްތަކަކީ، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ވަޒީފާ ގެއްލުން، މުސާރަ ނުލިބޭ ގޮތަށް ލީވް އަށް ފޮނުވާ މީހުން، މުސާރަ އުނިކޮށް، އާމްދަނީ ހީނަރުވާ މީހުން، އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން، އާމްދަނީއަށް އަސަރު ކޮށްފައިވާ މީހުންނެވެ.

އޮގަސްޓްމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށައެޅޭނެއެވެ. އަދި ސެޕްޓެމްބަރުމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި އޮކްޓޯބަރުމަހުގެ ނިޔަލަށް ހުށައެޅޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން