މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-
ދިވެހިންނާ ކާވެނިކޮށްގެން އުޅޭ ބިދޭސީންނަށް "އާސަންދަ" އިން ހިދުމަތް ލިބޭ ގޮތް ހެދުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

ގަރާރު ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ދައުލަަތަށް ހިދުމަތްކޮށްފައިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އެބަތިބި ކަމަށާއި ގައުމީ ޓީމަށް ކުޅިވަރު ކުޅެފައިވާ އެތައް ބިދޭސީންނެއް ވެސް އެބަ ތިބި ކަމަށެވެ. އަދި އާސަންދަ ދޭ ވާހަކަ ދައްކަވަނީ ރާއްޖޭގައި މަސައްކަތް ކުރަން މެރިޖް ވިސާ ހޯދުމުގެ ބޭނުމުގައި އުޅޭ ބިދޭސީންނަށް ނޫން ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

ކުޑޫ ވިދާޅުވީ ދިވެހިންނާ އިނދެގެން އުޅޭ، ޓެކްސް ދައްކާ އެތައް ބިދޭސީންނެއް އެބަތިބި ކަމަށާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ މިއަދު ކާފަ، މުނިމާމަ، މުނިކާފަ ކިޔާ މީހުން ކަމަށެވެ.

ބިދޭސީންނަށް ހެލްތު އިންޝުއަރެންސް ދޭނެ އުސޫލުތަކެއް ނުވަތަ ޝަރުތުތަކެއް ރާއްޖޭގައި ކަނޑައެޅިދާނެކަން ފާހަގަކުރަމުން ކުޑޫ ވަނީ އޭގެ މިސާލެއްވެސް ހުށަހަޅާފައެވެ. އެގޮތުން ކުޑޫ ވިދާޅުވީ މެރިޖް ވިިސާދޭ އިރު އިންޝުއަރެންސެެއް އޮންނަން މަޖުބޫރު ކުރުން ނުވަތަ ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭތާ ވަކި މުއްދަތެއް ހޭދަވެފައިވޭތޯ ބެލިދާނެ ކަމަށެވެ.

ނުވަތަ ކުއްޖަކު ލިބުމުން، ނޫނީ ދެ ކުދިން ލިބުމުން، އެ މީހާގެ ދިރިއުޅުން ރާއްޖޭގައި ސްޓޭބަލް ކަމަށް ބަލާފައި ނަމަވެސް އެމީހުންނާމެދު އަޅާލާން އެބަޖެހޭ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

ކުޑޫ ހުށަހެޅުއްވި މި ގަރާރު މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ. އެ ގަރާރު ދިރާސާކުރުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު