މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ނުލިބި ދަތިހާލުގައި ތިބި މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ގޮވާލައި މިއަދު އަޑު އުފުލަން އުޅުމުން ރަށް ވެހި ފަތިހުން އެކަން ހުއްޓުވާފައިވާކަމަށް މި އިޙްތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ ޝުޢައިބް އަލީ (ފުރަހަނި ޝުޢައިބް) ވިދާޅުވެއްޖެ އެވެ.

މާލޭގައި ބޯހިޔާވަހިކަން ނެތިފައިވާ މީހުންނަށް ބޯހިޔާ ވަހިކަން ހޯދައި ދިނުމަށާއި، ގޯތި ނުލިބޭ މީހުންނަށް ގޯތި ހޯދައިދިނުމަށް ޝުއައިބް އިސްކޮށް ހުންވައިގެން އެމްޑީޕީގެ މެމްބަރުންތަކަކާއިއެކު މިކަމަށް އަޑު އުފުލުމަށް މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ވަނީގެ މަހެއްހާ ދުވަހުގެ ކުރިންވެސް މިފަދަ މުޒާހަރާއެއް ކާނިވާ ތެރޭގައި ބާއްވާފައެވެ.

މިއަދުގެ އެއްވުމުގައި ބައިވެރިވި މީހުން ތިބީ ގޯތި ހޯދުމަށް އެދި އެކި ޝުޢޫރުތައް ލިޔެފައިވާ ބެނާތަކާއި، ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ. އެމްޑީޕީގެ އޮފީސް ކުރިމަތީގައި ކުރި މި ސުލްހަވެރި އަޑު އުފުލުން ފެށިތަނާހެން ފުލުހުންވަނީ އެތަނަށް އައިސް އެއްވި މީހުން އެތަނުން ފޮނުވާލާފައެވެ. އެއްވި މީހުން ތިބީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ފޭސް ޝީލްޑް އަޅައިގެން ގައިދުރުކޮށެވެ.

"މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބިގެން އެޗްޕީއޭގެ މިންގަޑާއި އެއްގޮތަށް އުފުލަން ފެށި އަޑު ރަށްވެހި ފަތިހުން ހުއްޓުވައިފި." ޝުއައިބް ކުރަށްވާފައިވާ ޓްވީޓްގައި ވެއެވެ.

މާލޭގެ ރައްޔިތުންނަށް މިސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދި ލަސްވަމުންދާތީ އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅުން ގެންދަަވަނީ ޕާޓީއަށާއި، ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ވެރިކަމަށް އައުމަށް އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މަތީން މިއަދު ހަނދާން ނެތިފައިވާކަމަށް ވިދާޅުވެ، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވަނީ އެކިފަހަރުމަތީން ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އެމްޑީޕީން ވެފައިވާ ވައުދުތައް ޓުވީޓްކޮށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންދާ ޝުއައިބް ވަނީ، ވައުދާއި ހުވާކޮށް، އެވައުދުތަކުގެ މަތީން މިއަދު ހަނދާން ވެސް ނެތިފައިވާކަމަށް ވިދާޅުވެ މަޝްހޫރު ލަވައެއްވެސް ޓްވިޓާގައި ހިއްސާކުރައްވާފައެވެ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުއްޓުމެއްނެތި ވަކާލާތު ކުރައްވާ ޝުއައިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވައުދަކީ އެމްޑީޕީން ތަކުރާރުކޮށް ރައްޔިތުންނަށް ވަމުންދާ ވައުދެއްކަމަށެވެ.

ރައީސް ނަޝީދު ޕާޓީގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުން ކުރަށްވާ ކަމަށް ވިދާޅު ހުށައެޅުއްވި މައްސަލައަކާއި ގުޅިގެން ޝުޢައިބު ވަނީ ޕާޓީގައި އޭނާ އަދާކުރައްވާ މަސައްކަތް ތަކުގެ މަސްއޫލިއްޔަތު ތަކުން ވެސް އެކަހެރި ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން