ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ރާއްޖެއަށް ބޭރު ފައިސާ ވެއްދުމަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކޮޅަންޖަހަން ޖެހޭކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ވިދާޅު ވެއްޖެއެވެ.

ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތައް އަރާފައިވާ މިވަގުތުގައި ޓުވަރިމަށް ދޭންޖެހޭ ސަމާލުކަން ބޮޑުކޮށް، ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ. ފަތުރުވެރިކަމަކީ ރާއްޖެއަށް ބޭރު ފައިސާ ވަނުމަށް އޮތް އެންމެ ބޮޑު ފުރުސަތަށްވާއިރު، މިކަން ނުހުއްޓި ކުރިއަށްދާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަކީ މުހިންމު ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އިޤްތިޞާދީ ގޮތުން މިފަދަ ބޮޑު އަނދަވަޅަކަށް ވެއްޓުމުން މިއަދު ވަރަށް ގިނަ ކަންތައްތަކާއި ވިސްނަން ޖެހޭކަމަށް ސައުދު ވިދާޅުވިއެވެ. ޚާއްސަކޮށް ރާއްޖެއަށް ޑޮލަރު ވަންނަ މަގުތައް އިތުރުކޮށް އިތުރު ސިނާއަތްތައް ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމަކީ ރާއްޖޭގައި ފުޅާކޮށް ކުރެވޭނެ މަސައްކަތްތަކަކަށްވާއިރު މިމަސައްކަތްތަކަކީ ޑޮަލަރު ރާއްޖެއަށް ވަންނަ މަގަކަށް ހަދަންޖެހޭކަމަށް ސަޢުދު ވިދާޅުވިއެވެ.

"ޓުވަރިޒަމް ކުރިއެރުވުމަކީ އެންމެ މުހިންމު ކަންތައް. މަސްވެރިކަމާއި ދަނޑުވެރިކަންވެސް މުހިންމު. ޚާއްސަކޮށް މަސްވެރިކަން. އެންމެ އިންޑަސްޓްރީ އަކަށް ބަރޯސާވާ ޒަމާން މިހާރު ވަޅު ޖެހިއްޖެ. ބާނާ މަސްކޮޅު ހަމަ އަގުގައި ކިރާލެވެން އެބަޖެހޭ. ޑޮލަރުވަންނަ އިތުރު މަގުތައް ކޮށަން ޖެހޭ އެހެންނޫންތޯ؟" ސައުދު ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުންވެސް ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބިން ދޫކުރުމާއި، ބޭނުންވާ ސާމާނު ހޯދުމަށް ލުއި ލޯނު ދިނުން ފަދަ ކަންކަން ވަނީ ހަމަޖައްސާފައެވެ. ހަމަ މިއާއިއެކު މަސްވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި މަސްވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ދޯނީގައި ރެފްރިޖަރޭޓެޑް ސީ ވޯޓަރ ސިސްޓަމް ޤާއިމުކުރުމަށް ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެސްޑީއެފްސީ މެދުވެރިކޮށް 6 ފަރާތަކަށް ލޯނުދޫކޮށް ދޯނިތަކުގައި އެ ސިސްޓަމް ވަނީ ހަރުކޮށްފައެވެ. ސިސްޓަމް މެދުވެރިކޮށް މަހަށް ބޭނުންވާ މިންވަރަށް ދޯނީގެ ވަތުގައި ފެންފިނިކޮށް ބެހެއްޓޭނެ ނިޒާމު މިހާރު ޤާއިމުކުރަން ފަށާފައިވާއިރު، އިތުރު 50 ފަރާތަކަށް މި ލޯނު ދޫކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން