މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)
މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)
މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް މައީޝާ (ރާޅު މަރިޔަނބު)ގެ ދަރިފުޅަށް އިހުމާލުވާ ކަމަށް ބުނެ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން، ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އަމަލު ކޮށްފައިވަނީ އާންމު އުސޫލުން ކަމަށް މިނިސްޓްރީން ބުނެފިއެވެ.

އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މައީޝާވަނީ މި ހާދިސާގެ ތަފްސީލި ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ބުނީ މީހަކު ކުރި ރިޕޯޓަކާ ގުޅިގެން މިނިސްޓްރީން ފުރަތަމަ އޭނާގެ ދައްތައަށް ގުޅި ކަމަށާއި، ދަރިފުޅަށް އިހުމާލުވާތީ ދަރި ކޮންފުޅު މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ނިންމައިފައިވާ ކަމަށް ބުނި ކަމަށެވެ.

މައީޝާ ބުނީ މިއީ އޮޅުމެއްކަން ސާފުކޮށްދޭން މިނިސްޓްރީއަށް ގުޅިކަމަށާއި، އެހެންނަމަވެސް އެފަހުން މިނިސްޓްރީން މައްސަލަ ބަލަން އެގެއަަށްވެސް ދިޔަކަމަށެވެ. މި މައްސަލައިގެ ސަބަބުން އޭނާއާ ގުޅޭ ގޮތުން ވާހަކަތަކެއް ފެތުރި، އޭނާގެ އަބުރު ކަތިލެވިފައިވާ ކަމުގެ ކަންބޮޑުވުން މައިޝާވަނީ ފާޅުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިނިސްޓްރީން ބުނީ މިނިސްޓްރީއަށް ކުޑަކުއްޖަކާ ގުޅޭ ރިޕޯޓެއް ލިބުމުން އެ ކުއްޖަކަށް އަނިޔާ ނުލިބޭކަން ޔަގީން ކުރުމަށް ވަކި އުސޫލެއްގެ ތެރެއިން މަސައްކަތް ކުރާ ކަމަށެވެ.

އަދި އެކަހަލަ ކޭސްތައް އައުމުން ޕްރަޔޯރިޓީއަކީ ކުއްޖާއަށް އެކަހަލަ ކަމެއް ނުވާކަން ޔަގީންކުރުން ކަމަށާއި، އެކަން ކުރެވޭނީ ގެއަށް ގޮސް ބަލައިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކުރުމާއެކު، މިނިސްޓްރީން ފުރަތަމަ ވެސް ބަލަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭތޯ ކަމަށާއި، އެންމެ ފުރަތަމަ މައްސަލަ ރިޕޯޓުކުރާއިރު، މައްސަލަ ނިސްބަތްވާ މީހާގެ މައުލޫމާތު ލިބިފައި ނުހުންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންވެ، ރިޕޯޓެއް ލިބުމުން އަމަލު ކުރަމުންދަނީ އެ އޮންނަ ޕްރޮޓޮކޮލްގެ ތެރެއިން ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މައްސަލަ ނިސްބަތްވާ މީހާގެ އަބުރު ގެއްލޭނެ ކަހަލަ އެއްވެސް ކަމެއް މިނިސްޓްރީން ނުކުރާނެ ކަަމަށެވެ. އަދި އެމީހާގެ މައުލޫމާތުވެސް މިނިސްޓްރީން ހާމަނުކުރާނެ ކަމަށް ވަނީ ބުނެފަައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް