މަރްޔަމް ނަހްދާ ވަޙީދު   25 އޮކްޓޯބަރު 2025 - 9:55
ވޯޓު ލާ މަރުކަޒު، ފޮޓޯ: ސޯޝަލް މީޑިއާ
ވޯޓު ލާ މަރުކަޒު، ފޮޓޯ: ސޯޝަލް މީޑިއާ
އައްޑޫ ސިޓީ ކައުންސިލުން ވަކިވުމާމެދު އައްޑޫ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އައްޑޫސިޓީ ފޭދޫ، ހުޅުދޫ، މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ. މި ވޯޓުގައި ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

ހެނދުނު 08:00 އިން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު، 10:00 އާ ހަމައަަށް ވޯޓު ލާފައިވަނީ 284 އަންހެނުންނާއި، 411 ފިރިހެނުންނެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 7.26 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އާއި ހަމައަށެވެ. ހަވީރު 4:00 ގައި ވޯޓުލުމަށް ކިޔު ބަންދު ކުރަން ނިންމާފައިވާއިރު، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެއެވެ. އަދި ވޯޓުލުން އޮތް ކޮންމެ މަރުކަޒެއްގައިވެސް އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެއެވެ.

އީސީން ބުނީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ އާދިއްތަ ދުވަހު ކަމަށެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާކަމަށް އީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު