އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ކުރިން ހުށަހެޅި އަދި މައްސަލަތައް ކުރިމަތިވި 'ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން' (ޖީއެޗްއެފް) ގެ ބަދަލުގައި އެމެރިކާއިން އައު ޕްލޭނެއް ދިރާސާކުރަން ފަށައިފިއެވެ.

'ޣައްޒާ ހިއުމެނިޓޭރިއަން ބެލްޓް' (ޖީއެޗްބީ) ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްލޭނަކީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ މުޅިން އާ އިންތިޒާމުތަކެއް ހިމެނޭ ޕްލޭނެކެވެ.

މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ އިޒްރޭލުގެ ސިފައިން ފަހަތަށް ޖެހިފައިވާ ސަރަހައްދުތަކުގައި 12 އާއި 16 އާ ދެމެދުގެ އަދަދަކަށް އެހީ ފޯރުކޮށްދޭ މަރުކަޒުތައް ގާއިމްކުރުމެވެ. މި މަރުކަޒުތައް ވެގެންދާނީ ދެފަރާތުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މައިގަނޑު މަންޒިލްތަކަށެވެ. އެހީގެ ކަންތައްތައް ހިންގާނީ ހާއްސަ ކޯޑިނޭޝަން ސެންޓަރެއްގެ އެހީގައި އ.ދ. އަދި ބައިނަލްއަޤްވާމީ އެންޖީއޯތަކުންނެވެ.

އެހީގެ ޓްރަކްތައް ބެލެހެއްޓުމަށް ބޭނުންކުރާ ސެކިއުރިޓީ އިންތިޒާމުތައް ވެސް މި ޕްލޭނުގައި ހިމަނާފައިވާ ކަމަަށް ރިޕޯޓުތަކުގައި ވެއެވެ. ޚާއްޞަގޮތެއްގައި ހަމާސް ޖަމާއަތުން އެހީގެ ތަކެތި ހިފެހެއްޓުން ނުވަތަ ބޭނުން ނުހިފޭ ފަރާތްތަކަށް ގެންދިއުމަށް ހުރަސް އެޅުމަށް ޑްރޯން ބޭނުންކޮށްގެން ދަތުރުކުރާ ޓްރަކުތައް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މީގެ އިތުރުން ހަނގުރާމަވެރިން ހަތިޔާރު ބާލައި އިސްލާޙުވުމުގެ ފުރުޞަތު ދިނުމަށް ހާއްސަ ތަންތަނާއި އަދި މުސްތަޤްބަލުގައި ސުލްޙަ ބަލަހައްޓާ ބާރުތައް ބޭތިއްބުމަށް ބޭނުންވާ ބޭސްތައް ވެސް މި ޕްލޭނުގެ ދަށުން ޤާއިމުކުރާނެއެވެ.

މި ޕްލޭނުގެ މަޤްޞަދަކީ 90 ދުވަހުގެ ތެރޭގައި ހުރިހާ އެހީއެއް މި އައު މަރުކަޒުތައް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ.

އެމެރިކާއިން ދިރާސާކުރަމުންދާ މި ޕްލޭނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އ.ދ. ގެ ގިނަ އޮފިޝަލުންނާއި އެހީދޭ ޖަމިއްޔާތަކުން ވަނީ، މި ޕްލޭން ވެސް, ކުރިން އެ މީހުން އިތުބާރު ނުކުރާ ޖީއެޗްއެފް ޕްލޭނާ ގާތްކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި ކުރީގެ ޕްލޭނުގައި ހުރި ގޮންޖެހުންތައް މި އައު ޕްލޭނުން ފިލުވާލެވޭނެކަމާ މެދު ސުވާލު އުފެދެއެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ބުނީ ޖީއެޗްބީ ޕްލޭނަކީ ހަމައެކަނި ދިރާސާ ކުރަމުންދާ އެތައް ޚިޔާލުތަކުގެ ތެރެއިން އެއް ޚިޔާލުކަމަށާއި، މިއީ އަދި ފައިނަލް ނިންމުމެއް ނޫންކަމަށެވެ. އަދި މި ޕްލޭން ބިނާކުރެވިފައިވަނީ ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދިމާވާ ސެކިއުރިޓީ އަދި ލޮޖިސްޓިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މައްޗަށް ކަމަށްވެސް ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު