މިއަދު ކުރިއަށް ގެންދިޔަ ރިފަރަންޑަމް ވޯޓު-
މިއަދު ކުރިއަށް ގެންދިޔަ ރިފަރަންޑަމް ވޯޓު-
އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބެލުމަށް ނެގި ރިފަރަންޑަމް ވޯޓުގައި ފޭދޫން އައްޑޫ ސިޓީ ކައުންސިލުން ވަކިނުވާން ނިންމިއިރު، ސިޓީ ކައުންސިލުން ވަކިވުމަށް ހުޅުދޫ އާއި މީދޫއިން ނިންމައިފިއެވެ.

މިއަދު ނެގި ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ފޭދޫގައި ވޯޓު ލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވޯޓުލީ 2421 މީހުންނެވެ. މީގެ ތެރެއިން ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 615 މީހުން ވޯޓު ދިން އިރު، 1782 މީހުން ވޯޓު ދިނީ ސިޓީ ކައުންސިލުން ވަކިނުވުމަށެވެ.

މީދޫގައި ވޯޓުލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ވޯޓުލީ 1002 މީހުންނެވެ. މީގެ ތެރެއިން ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 841 މީހުން ވޯޓުލާފައި ވާއިރު، 144 މީހުން ވޯޓުލީ ސިޓީ ކައުންސިލުން ވަކިނުވުމަށެވެ.

ހުޅުދޫގައި ވޯޓުލުމަށް ޝަރުތުހަމަވާ މީހުންގެ ތެރެއިން ވޯޓުލީ 1070 މީހުންނެވެ. މީގެ ތެރެއިން ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 720 މީހުން ވޯޓުލާފައި ވާއިރު، 325 މީހުން ވޯޓުލީ ސިޓީ ކައުންސިލުން ވަކިނުވުމަށެވެ.

މި ވޯޓުގެ ނަތީޖާއަށް ބަލާއިރު ފޭދޫގެ ރައްޔިތުން ބޭނުންވަނީ ފޭދޫގައި ވަކި ކައުންސިލެއް ނުއުފައްދައި މިހާރެކޭ އެއްގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ތިބުމަށެވެ. ނަމަވެސް ހުޅުދޫ އަދި މީދޫ އިން ބޭނުންވަނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް އުފެއްދުމަށެވެ.

ސަރުކާރުން ބުނީ މި ފެންނަ ނުފެންނަ ވޯޓު ނެގީ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގަތުމުން ފޭދު އާއި ހުޅުދު އާއި މީދޫ ރައްޔިތުން އައްޑޫ ސިޓީ ކައުންސިލުން އިދާރީ ގޮތުން ވަކިވެ، އެ ތިން ރަށުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ ގުޅޭގޮތުން ގޮތެއް ނިންމައި ދިނުމަށް އެދުމުން ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށާއި، ރައީސްގެ ވައުދު ފުއްދުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވީ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި، އަދި އެ ވޯޓުގައި ކޮންމެ ގޮތަކަށް ފޭދު އާއި ހުޅުދު އާއި މީދޫގެ ރައްޔިތުން ނިންމެވި ނަމަވެސް ސަރުކާރުން އެކަން ބަލައިގަނެ ކުރިއަށް ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް