ވީއައިއޭ ޓާމިނަލް
ވީއައިއޭ ޓާމިނަލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތެރެއިން ބޭންކްގެ ފައިސާ ދަބަސް ފޭރިގަނެގެން ވަގުން ފިލި ލޯންޗު ހޯދައި 4 މީހަކު ހައްޔަރު ކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހު 4:45 ހާއިރުއެވެ.

އެމައްސަލައިގެ އެންމެ ފަހުގެ އަދާހަމަ މީޑިއާއަށް ޙިއްސާ ކުރަށްވަމުން ދާޚިލީ ވަޒީރު ޢަލީ އިޙުސާން ދާދި ދެންމެއަކު ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ގެއްލުނު ފައިސާގެ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް އިޙްސާން ހާމަކުރަށްވާފައެއް ނުވެއެވެ.

އިޙްސާން ވަނީ މިކަމުގައި ހަލުވި ފިޔަވަޅުތަކެއް އެޅުއްވި ފުލުހުންނަށް ތަޢުރީފް ކުރަށްވައި، ޝުކުރު އަދާކޮށްފައެވެ.



ފުލުހުން މިއަދު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފުން ފައިސާ ދަބަސް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް ދަބަސްތަކުގައި ހުރީ، އެއަރޕޯޓުން ފުރަންދާ ފަސެންޖަރުންނަށް ބޭންކުން ދޫކުރުމަށް ހުރި ލައްކައަކަށްވުރެ ގިނަ ޑޮލަރެވެ. ނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ސޫޓްކޭސް ފޭރިގަތުމަށްފަހު އެ ފައިސާތަކާއެކު އެކަން ކުރި މީހުން ފިލާފައިވަނީ ލޯންޗެއްގައެވެ.

ފުލުހުން ބުނީ، މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު