ކުރީގެ ރައީސް ޔާމީން-
ކުރީގެ ރައީސް ޔާމީން-
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައި އޮތް އަޑުއެހުމަށް ޙާޒިރުނުވެ، އެ ކޯޓުގެ ހުއްދައާ ނުލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދިއްދޫއަށް ވަޑައިގެންފައިވާތީ، ޔާމީނާ ދެކޮޅަށް ފިޔަވަޅު އެޅިދާނޭ ކަމުގެ އިންޒާރު ކޯޓުން ދީފިއެވެ.

ޔާމީނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު 2:30އަށް ތާވަލުކޮށްފައި ވީނަމަވެސް ޝަރީޢަތަށް ޙާޒިރުވުމުގެ ބަދަލުގައި ޔާމީން ވަނީ، ދިއްދޫގައި ބާއްވާ "ތިލައުތުރު އެވޯޑް 2025"ގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ދިއްދުއަށް ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ މުޢުތަބަރު އުޒުރެއްނެތި ކޯޓަށް ހާޒިރު ނުވުމާއި، މައްސަލަ ތާވަލުކޮށްފައިވީ ހިނދު ކޯޓުގެ ހުއްދަ ނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅިދާނޭ ޢަމަލެއް ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ކޯޓުން ދީފައެއް ނުވެއެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެ، މަނީ ލޯންޑަރކުރި ކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް މީގެ ކުރީން ދަށު ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް، އެ ކަމުގައި ބޮޑެތި ކުށްތަކެއް ހުރި ކަމަށް ފެނިގެން، ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ޙުކުމް ބާތިލުކޮށްފައެވެ.

މި މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ބާތިލުކުރުމުން ދައުލަތުގެ ފަރާތުން ވަނީ މި މައްސަލަ ކްރިމިނަލް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ މިހާރު ބަލަމުންދާއިރު، ޔާމީނާ ދެކޮޅަށް ކޮށްފައިވާ އިތުރު ދަޢުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް