އިންޑިއާގެ ކޮޗިންއިން މުދާ ހިފައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރި ފުރަތަމަ ކާގޯ ފެރީ އެރަށަށް ބަނދަރުކޮށްފިއެވެ. މި ފެރީ އިންޑިއާއިން ފުރާފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ.

ރާއްޖެއާއި ކޮޗިންއާއި ދެމެދު ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކާގޯފެރީ އަކީ ކުޅުދުއްފުށީ ބަނދަރަށް ކައިރި ކުރެވޭ ވަރަށްވުރެ ބޮޑު ބޯޓެއް ކަމުން ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީ އިން ނިންމާފައިވަނީ މުދާ ބަރުކޮށް، ބޭލުމަށް ބާޖެއް ނޫނީ ޓަގެއް ބޭނުން ކުރުމަށެވެ. މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

އެމްޕީއެލް ކުޅުދުއްފުށީ ޕޯޓުން ބުނީ މުދާ ބޭލުމަށްދާ ދޯނި 9.30ހާއިރު ބޯޓާއި ކައިރިކުރާނެކަމަށެވެ. އަދި މުދާ ގެންނަ ފުރަތަމަ ދޯންޏަށް ކުޅުދުއްފުށި ޕޯޓު ބަނދަރާ ގާތްކޮށް މުދާ ބާލަން ފެށޭނީ މެންދުރު 13:00 ގައި ކަމަށެވެ.

ކޮޗިންއިނުން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ ހެނދުނު 6:30 ހާއިރުއެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.

ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. ބޯޓު އިންޑިއާއާއި ރާއްޖެއާއި ދެމެދުކުރާ ކޮންމެ ދަތުރު ބުރަކަށް 10ދުވަސް ހޭދަވާނެކަމަށް މޯލްޑިވްސް ޝިޕިންއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން