އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)
އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)
އައްޑޫ ހުޅުދޫގައި ގާމިން ފެކްޓަރީއެއް ޤާއިމުކޮށްދެއްވުމަށް އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)، އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު)، ވަނީ ހުޅުދޫގައި ގާމިން ފެކްޓަރީއެއް ޤާއިމު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މިކަމުގެ ސަބަބުން ހުޅުދޫގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފައިދާ ކުރާނެ ކަމަށް މެމްބަރު ޝާޑު ފާހަގަ ކުރެއްވިއެވެ.

މެމްބަރު ޝާޑު ވިދާޅުވީ، އައްޑޫ އަތޮޅުގައި ގާމިން ފެކްޓަރީއެއް އެޅުމަށް ވަޒީރު ސަޢީދުގެ ވިސްނުންފުޅު އެބަހުރި ކަމަށެވެ. އެހެންކަމުން ހުޅުދޫގައި މިފަދަ ފުރުޞަތެއް ލިބުމަކީ ވަރަށް ރަނގަޅު ކަމަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގެ ސަބަބުން ހުޅުދޫގެ ރައްޔިތުންނަށް އިޤްތިޞާދީ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ޝާޑު ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ޝާޑު ފާހަގަކުރެއްވީ، ހުޅުދޫ އާއި މީދޫގައި މިހާރު ވަކި ކައުންސިލެއް އޮތުމުގެ ސަބަބުން، އިޤްތިޞާދީ ހަރަކާތްތަކަށް ބިން ހޯދުމުގެ ކަންކަން ވަރަށް ފަސޭހައިން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިކަން މިގޮތަށް ކޮށްދެއްވައިފިނަމަ ވަޒީރަށް ވަރަށް ބޮޑަށް ޝުކުރުވެރިވާނެ ކަމަށްވެސް ޝާޑު ވިދާޅުވިއެވެ.

މެމްބަރު ޝާޑުގެ ވާހަކަފުޅަށްފަހު މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވިދާޅުވީ، މެމްބަރުގެ ވާހަކައިގައި ސުވާލެއް ކުރެއްވި ކަމަކަށް ފާހަގަ ނުކުރެވުނު ކަމަށާއި، އެއީ މިނިސްޓަރަށް ހުށަހެޅުއްވި ހުށަހެޅުމެއް ކަމަށެވެ. އެހެންކަމުން، މިނިސްޓަރު ސަޢީދު އެކަމަށް ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު