ދީނީ އިލްމުވެރިޔާ އަލީ ޒައިދު
ދީނީ އިލްމުވެރިޔާ އަލީ ޒައިދު
މަގުފޭރޭ މީހުންގެ މައްޗަށް ޙިރާބާގެ ޙައްދު ޤާއިމް ކުރުމަށް ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.

ޝައިޚް ޒައިދު މިކަމަށް ގޮވާލައްވާފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ތެރެއިން ބޭންކްގެ ފައިސާ ދަބަސް ފޭރިގަނެގެން ފިލިކަމަށް ތުހުމަތުކުރެވޭ 4 މީހުން ފުލުހުން އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

އެކަމާ ގުޅިގެން ޝައިޚް ޒައިދު މިއަދު ވަނީ ފޭރޭ މީހުންނަށް ދީނުގައި އޮންނަ ޙުކުމް މީސްމީޑީއާގައި ޙިއްސާކޮށް ދެއްވާފައެވެ. އެގޮތުން ޝައިޚް ވިދާޅުވީ، ދީނުގައި އެންމެ ބޮޑު އެއް ޙައްދަކީ ޙިރާބާގެ ޙައްދު ކަމަށެވެ. އަދި މަގުފޭރޭ މީހުންގެ މައްޗަށް މި ޙައްދު ޤާއިމްކޮށްގެން ނޫނީ މިޒާތުގެ ޖަރީމާ ނުހުއްޓުވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބިރެއްނެތި މަގުފޭރެނީ މިއަދު ހައްޔަރު ކުރިޔަސް މާދަމާ ދޫވާނެކަން އެނގޭތީވެ! މިހުންނަނީ ވިސްނައި އިޞްލާޙް ކުރަންޖެހޭ ކަންކަން!" ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.



ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް އިއްޔެ ވަނީ ފޭރިގެންފައެވެ.

އެމައްސަލާގެ ތުހުމަތުގައި ލ. މާވަށް، ރޭޝަމް، އުމުރުން މާޒިން މޫސާ (25އ) އާއި، މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ) އާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) އާއި، ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ) ހައްޔަރުކޮށް އެމީހުންގެ ބަންދަށް ކޯޓުން މިހާރުވަނީ 5 ދުވަސް ޖަހާފައެވެ.

އެއަރޕޯޓުން ފޭރުމަށްފަހު ފިލަން ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗު ހޯދައި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ކ. ހުރައިންނެވެ.



ކިޔުންތެރިންގެ ހިޔާލު