މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް
ޗައިނާ ސަރުކާރާއެކު ރާއްޖޭން ސޮއިކުރި ފަހުމުނާމާތަކުގެ ކޮޕީ މިވަގުތު ހާމަކުރެވެން ނެތްކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ގައުމުގެ ސަރުކާރާއެކު ސޮއިކުރި ފަހުމުނާމާތަކުގެ ކޮޕީ ލިޔުމުން ހޯދުމަށް މާވަށު ދާއިރާގެ މެންބަރު އެދިވަޑައިގެންފައިވެއެވެ.

އެސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި ވަޒީރު ޚަލީލް ވިދާޅުުވީ، އެފަހުމުނާމާތަކާ ގުޅިގެން މިވަގުތު ކުރިއަށްދަނީ، ދެ ގައުމުގެ ދެމެދުގައި އިތުރަށް މަޝްވަރާކޮށް އެއްބަސްވުމަކަށް ވާސިލުވުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތްތައް ނިމުމުން އެމައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް ސިޓީގައިވެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުން ދިނުމާބެހޭގޮތުން 11 ފަހުމްނާމާއެއްގައި ސޮއިކޮށްފައިވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ،

މި ސަރުކާރުގައި ރައްޔިތުންނަށް ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ނަމަވެސް ބައެއް އިދާރާތަކުން މަޢުލޫމާތު ހާމަކުރުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެމުންދާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު