ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ރައްތައް ގުޅާލައި މަރުކަޒީ އުސޫލުން ހިންގާއިރު މާލެއިން ފޯރުކޮށްދޭ ހިދުމަތްތައް އަތޮޅުތަކުން ނުލިބޭހާ ހިނދަކު ލާމަރުކަޒީ އުސޫލުން ހިންގުމަކަށް ނުވާނޭ ކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ކޮޗިން އިން ކުޅުދުއްފުއްޓަށް ފަށާފައިވާ މުދާ ފެރީ ފެށުމުގެ ރަސްމިއްޔާތުގައި އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަތަކަށް ރައްދު ދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމަށް ހުޅުވާލީ މާލެއަށް އަތޮޅުތަކުގެ ރައްޔިތުން ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމަށް ކަމަށެވެ. މިއަދު މިފެށި ފެރީގެ ނިޒާމާއިއެކީ އުތުރުގެ ރައްޔިތުންނަށް ވިޔަފާރީގެ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އަތޮޅުތެރެއިން ލިބޭ ޚިދުމަތްތައް ފުޅާކޮށް އެސަރަހައްދެއްގެ ރައްޔިތުންނަށް އެސަރަހައްދަކުން ހިދުމަތް ލިބޭނެ އިންތިޒާމުތައް ފަހިކޮށް ދިނުންކަމަށެވެ. އެގޮތުން އިއްޔެ އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައިވެސް ދަތްދޮޅީގެ އޮޕަރޭޝަނެއް ކާމިޔާބް ކަމާއިއެކު ކޮށްފައިވާކަމަށް ވިދާޅުވެ ޝާހިދުގެ ނުސީދާ ރައްދެއް އިދިކޮޅު ފަރާތްތަކަށް ވަނީ ދެއްވާފައެވެ.

"ސީދާ އިންޑިޔާ ކޮޗިންނާއި، ކުޅުދުށްފުށްޓާއި މި ގުޅާލެވެނީ. މިއީ ލާމަރުކަޒީ ކުރުމަކީ. ދަތްދޮޅީގެ ހުރިހާ އޮޕަރޭޝަނެއް މާލޭގައި ކުރުމެއްނޫން ލާމަރުކަޒު ކުރުމަކީ. މި ފަށާ ފެށުމަކީ އުތުރަށް އަންނަ ތަރައްގީގެ ފެށުން. ހުޅުވާލެވޭ ކޮންމެ ދޮރަކީ ކޮންމެ ފާލަމަކީ އިޤްތިސާދަށް އަންނަ ދިރުމެއް. އެއްތަނެއްގައި ހުންނަ މުދާ އަނެއްތަނަށް ގެނައުން އެއީ ހަގީގީ ދިރުން އައުން." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ވިސްނުމަކީ މިސަރުކާރު އައި ދުވަހުން ފެށިގެން އެންމެ ބޮޑަށް ތަންފީޒު ކުރަން ބޭނުންވެފައިވާ އެއް ދާއިރާކަމަށެވެ. މިއަދު އުތުރުގެ ރަށްތަކަށް ބައިނަލްއަގުވާމީ ވިޔަފާރި ފުޅާވެ، ވިޔަފާރީގެ މަރުކަޒެއް އުފެދުމުން އުތުރުގައި ވިޔަފާރީގެ އިތުރު ދޮރުތައް ހުޅުވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެން ދާނެކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"މިކަމުން ލިބޭނެ އެންމެބޮޑު އެއްފައިދާއަކީ މާލެއަށް ބަރޯސާވެގެން ތަރައްގީގެ ކަންކަން ކުރުމަށް ނިމުން ގެނައުން. ބޭރުން މުދާ ސީދާ އުތުރަށް ގެނެސް އެ ދައުރު ކުރާނެ ގޮތް ހެދުން. މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނެ." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ކޮޗިންއިން އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ. އިންޑިއާގެ ކޮޗިންއިން ކާގޯއާ އެކީ އައި، ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުރަތަމަ ދަތުރުގައި ކުޅުދުއްފުށްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން