ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު
ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު
މީހެއްގެ ބިމަކަށް ކައިވަތަކަށް އަރައިގަތަަސް ޤިޔާމަތްދުވަހުން ހަތް ބިމުން އޭނާގެ ކަރުގައި އޮޅާލެވޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން، މާލޭގެ ރަށްވެހިންނަށް ދީފައިވާ ގޯއްޗާއި ފްލެޓު އެދިންތާކުން ދިން ވަރަކަށް ދޭންޖެހޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާ ގުޅިގެން އެކަމަށް ތާޢީދު ކުރެއްވުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން ޝެއިޚް އިލްޔާސް ވިދާޅުވީ، ކުރީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓް އަތު ނުލެވޭނެ ކަމަށާއި، ހަމަ ޖެހޭނީ ދޭން ކަމަށެވެ. އަދި އެއީ ޝަރުޢީ ހަމަތަކުންނާއި ޤާނޫނީ ހަމަތަކުން ބެލިނަމަވެސް އެކަން އޮތް ގޮތްކަމަށް ޝައިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.

"ނުދީ އަނިޔާވެރިވެ ވަޢުދު އުވާލި ބަޔަކު ދުނިޔެއާއި އާޚިރަތުގައި ވެސް އެކަމުގެ ހިތި ރަހަ ދެކޭނެ إن شاء الله. މީހަކަށް ލިބިފައިވާ ބިމަކުން އަނިޔާވެރިކަމާއެކު ކައިވަތަކަށް އަރައިގަތަަސް ޤިޔާމަތްދުވަހުން ހަތް ބިމުން އޭނާގެ ކަރުގައި އޮޅާލެވޭނެ." އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން، މާލޭގެ ރަށްވެހިންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް ނުދީ، މި ފަރުވާކުޑަ ނާގާބިލު ސަރުކާރަކުން ދަނީ ގޯއްޗާއި ފްލެޓު ދިނުން ލަސްކޮށް ރައްޔިތުންނަށް އަނިޔާވެރި ވަމުން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

އަދި ދަފްތަރާއި، ކުދި ފްލެޓު ތަކުގައި ތިބި ރައްޔިތުންނަށް ގޯތިދޭން ނިންމާފައިވާ އުތުރުތިލަފަޅުން ގޯތި ދިނުން އަވަސް ކުރަންޖެހޭ ކަމަށާއި، އެކަންކަން ލަސްކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު