މަޖިލީހުގެ ގެދޮރިވެރިކަމުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން-
މަޖިލީހުގެ ގެދޮރިވެރިކަމުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން-
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް ހުށަހެޅި ހިޔާލުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގައި މަޝްވަރާކޮށް، ބިލަށް ބައެއް އިސްލާހުތައް ގެންނަން ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އާންމުންނާއި އިދާރާތަކުގެ ފަރާތުން ހުށަހަޅާފައިވާ ހިޔާލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް އިސްލާހުތައް ބިލަށް ގެންނަން ކޮމިޓީން ވަނީ ނިންމާފައެވެ.

މި ބިލަށް ހައުސިން މިނިސްޓްރީން ވެސް ހިޔާލު ހުށަހަޅަން ނިންމާފައިވާއިރު، މިނިސްޓްރީން ހުށަހަޅާ ހިޔާލުތައް ކޮމިޓީއަށް ލިބޭނީ އަންނަ އަންގާރަ ދުވަހުއެވެ.

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރު ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ މި ބިލަށް ލިބިފައިވާ ހިޔާލުތަކަށް މަޝްވަރާކޮށް، އިސްލާހުތައް ގެނެސް ނިންމައި، ކޮމިޓީން ބިލު ފާސްކުރުމަށް ފަހު އަންނަ ހަފުތާގައި ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް އެ ބިލު ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ.

ކޮމިޓީން ވަނީ އެ ބިލަށް މަޝްވަރާކުރުމަށް މިއަދު ހެނދުނާއި މެންދުރު ފަހު ވެސް ބައްދަލުވުމެއް ބާއްވާފައެވެ.

މި ސަރުކާރު ވެރިކަމަށް އައީ އެންމެންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ބޮޑު ވައުދަކާ އެކުއެވެ. ނަމަވެސް ސަރުކާރަށް 2 އަހަރު ވާން ކައިރިވެފައިވާައިރު، ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އަދި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އަދި މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި "ބިންވެރިޔާ" އަދި "ގެދޮރިވެރިޔާ" ސްކީމްގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކަށް އެވެސް ހަވާލުނުކޮށް ލަސްވަމުންދާތީ ސަރުކާރަށް ވަރަށް ބޮޑަށް އާންމުންނާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު