ނޮވެމްބަރ 3 ގައި ޝަހީދުވި ސިފައިން
ނޮވެމްބަރ 3 ގައި ޝަހީދުވި ސިފައިން
ނޮވެމްބަރު 3 ގައި ދިވެހިން ދެއްކި އެއްބައިވަންތަ ކަމާއި، ހިތްވަރާއި މަސައްކަތްތަކަށް އެމްޑީޕީގެ ރައީސް ޝާހިދު ޝުކުރު ދަންނަވައިފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ޛިކްރާ މިއަދު އާކުރަނީ 3 ނޮވެމްބަރު 1988 ގައި ދިވެހިންނަށް މިންވަރު ކުރެއްވި ނަޞްރަށްޓަކައި މާތްކަލާންގެ ކިބަފުޅަށް ޙަމްދުކޮށް ޝުކުރުވެރިވަމުން ކަމަށެވެ.

އެގޮތުން އެދުވަހުގެ ޢުދުވާނުގައި ދިވެހި ސިފައިންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި އެންމެހާ އަބުތާލުންގެ މަތިވެރި ޤުރުބާނީގެ ހަނދާން އައުކޮށް އެ މުޖާހިދުންގެ ފުރާނަފުޅަށް ހެޔޮރަޙުމަތް ލެއްވުން އެދި ދުޢާ ކުރަށްވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ނިރުބަވެރިން ދިވެހިރަާއްޖޭގެ ސިފައިންގެ މަރުކަޒުގެ މައިގޭޓުން ވަނަނުދީ ދިފާޢުކުރެއްވުމުގައި ޝަހީދުވި ބަތަލު ޝަހީދު ޙުސައިން އާދަމް ދެއްކެވި ސާބިތުކަމާއި ހިތްވަރާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ހަނދާން އަބަދުގެ އަބަދަށް ދިވެހި މިބިމުގައި ތަކުރާރުވެ ޛިކްރާ ވެވެމުންދާނެކަމަކީ ޔަޤީން ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެ ބިރުވެރި ނާމާން ދުވަހު މި ލޮބުވެތި ޤައުމުގެ ދިފާޢުގައި ހިތްވަރުގަދަ ދިވެހި ސިފައިން ސާބިތުކަމާއިއެކު ކުރެއްވި އަގުހުރި ޖިހާދުގެ ހަނދާން އާކޮށް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ. ހަމަ އެހެންމެ އެނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަ ކަމާއި، ހިތްވަރާއިއެކު ކުރެއްވި މަސައްކަތްތަކަށް ޝުކުރުވެރިވެ ތަޢުރީފު ކުރަމެވެ." ޝާހިދު ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެންމެ އެކުވެރި އަވަށްޓެރި އިންޑިޔާގެ ސަރުކާރުން އެދުވަހު ދެއްވި އަވަސް އިޖާބައަށާއި، ވެދެއްވި ދީލަތި އެހީތެރިކަމަށް ޝާހިދުގެ މެސެޖުގައި ވަނީ އިންޑިއާ ސަރުކާރަށް އިޚްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިއަދަކީ ރާއްޖޭގެ 37 ވަނަ ނަސްރުގެ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު