ކުޅުދުއްފުށީ ސިޓީގައި ހަދާފައިވާ ބިނާ
ކުޅުދުއްފުށީ ސިޓީގައި ހަދާފައިވާ ބިނާ
3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދިން ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، އޭނާގެ އުފަންރަށް ކުޅުދުއްފުށި ސިޓީގައި ހެދި ބިނާ އިއްޔެ ހުޅުވައިފި އެވެ.

ކުޅުދުއްފުށި ސިޓީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު އާދަމާއި އެ އާއިލާގެ ދެ ކުދިން ކަމަށްވާ އައިޝަތު ޔުމްނާ އަޙުމަދާއި ފާތިމަތު ނީމް އަބްދުއްރަޝީދެވެ.

މި ބިނާ ތަރައްގީ ކޮށްފައިވަނީ ކުޅުދުއްފުށީގެ އެންމެ މުހިންމު އެއް ސަރަހައްދުގައި ކަމަށްވާ ބަންޑާރަ މައިދާނުގައެވެ.

މި ބިނާގައި ޝަހީދު ހުސެއިން އާދަމް ބާޣީންނަށް ރައްދު ދިނުމަށް ގެންގުޅުން އޭކޭ 47 ގެ ބަޑީގެ ހަތް ފޫޓު ދިގު ނަކަލެއް ބަހައްޓާފައިވެއެވެ. އަދި ޝަހީދު ހުސެއިން އާދަމް ހުންނެވި ސަރަހައްދުގެ ފާރާއި އެތަނަށް އެރި ވަޒަންތަކުގެ ނިޝާން މި ބިނާއިން ވަނީ ދައްކުވައިދީފައެވެ.

މި ބިނާ ފަރުމާކޮށް ހެެދުމަށް ނުވަ ލައްކަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު