3 އޮކްޓޯބަރުގެ މުޒާހަރާގެ ތެރެއިން
3 އޮކްޓޯބަރުގެ މުޒާހަރާގެ ތެރެއިން
އެއްވެ އުޅުން ހަނިކުރާ ގާނޫނު އުވައިލުމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.

މީކާއީލް ހުށައެޅުއްވި ބިލުގައިވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިދޭއިރު ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން އެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށެވެ.

އެހެންކަމުން އެ ގާނޫނު އުވާލަން ބިލެއް ހުށައެޅުމުގެ މައިގަނޑު މަގުސަދަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުން ކަމަށް ބިލުގައިވެއެވެ.

ހަމައެއާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި މުޖުތަމައުގެ އަމަންއަމާންކަން ބެލެހެއްޓުމަށް ފުލުހުންނަށް ކޮންމެހެން ލިބެންޖެހޭ ބާރާއި އިހްތިޔާރު، އެހެނިހެން ގާނޫނުތަކުން ފުރިހަމައަށް ކަނޑައަޅާފައިވާތީ، މި ގާނޫނު ވުޖޫދުގައި އޮތުމަކީ ބޭނުންތެރިކަމެއްކަމަށް ނުފެންނަ ކަމަށްވެސް ބިލުގައިވެއެވެ.

ހޯމް މިނިސްޓްރީން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކޮށް، ގާނޫނެއް ހަދާ އަމަލުކުރަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އެ ގާނޫނު އުވާލާނެ ކަމަށްބުނެ ވެރިކަމަށް އައުމަށްފަހު އެމްޑީޕީން ޤާނޫނު އުވާލާފައެއް ނުވެއެވެ.

އަދި ރައީސް ޑރ. މުއިއްޒުވެސް އިދިކޮޅުގައި ހުންނެވި ދުވަސްވަރު ވިދާޅުވެފައިވަނީ، އިސްލާމް ދީނާއި ހިލާފުނުވާ ޝިއާރުތައް ފާޅުކޮށް އެއްވެ އުޅެވޭނެ ކަމަށެވެ. އަދި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އެ ގާނޫނު އުވައިލަން ހިމަނާފައިވީ ނަމަވެސް މިހާތަަނަށް އެކަން ތަންފީޒު ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު