އިންޑިއާގެ ކޮޗިންއާއި، ކުޅުދުއްފުށްޓާއި ދެމެދު ފަށަން އުޅުނު ޕެސެންޖަރ ކާގޯ ފެރީ ހަމައެކަނި ކާގޯ ފެރީއަކަށް ބަދަލުވި ގޮތެއް ރައްޔިތުންނަށް ސާފުވާންޖެހޭކަމުގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދަލާ އެކު މިއަދު ކުޅުދުއްފުށީގައި ބޯޓު ބަނދަރުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވައި އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މީގެ ސަބަބުން އެސަރަހައްދުގެ ރައްޔިތުންނަށް ތަރައްޤީ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެެވެ.

ނަމަވެސް މިފެރީއާއި ބެހޭގޮތުން އެންމެ ފުރަތަމަ މަޝްވަރާއިން ފެށިގެން އެއްބަަސްވުމާއި ހަމަޔަށްވެސް ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްފައިވަނީ މިފެރީއަކީ ފަސިންޖަރުންނަށްވެސް ދަތުރުކުރެވޭ ފަދަ ފެރީއެއްކަމަށެވެ. ނަމަވެސް ފެރީގެ ދަތުރުތައް ފެށިގެން ދިއުމުން ސާފު ވެގެން ގޮސްފައިވަނީ މިފެރީއަކީ ހަމައެކަނި މުދާ އުފުލާ ފެރީއެއްގެ ގޮތުގައިކަމަށް އުޝާމް ވިދާޅުވިއެވެ. މިކަކީ ސަރުކާރުން ރައްޔިތުންނަށް އޮޅުން ފިލުވައިދޭންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ބޮޑު ތިލަދުންމައްޗަށް ތަރައްގީ ލިބިގެންދާނެކަމަށް އުންމީދުކުރަން. އެހެންނަމަވެސް ގިނަ ރައްޔިތުންނަށް ކުރިން ހީވެފައޮތީ ޕެސެންޖަރ ފެރީގެ ހިދުމަތެއް ފަށަން އުޅޭކަމަށް. އެއާ ހިލާފަށް ކާގޯ ފެރީގެ ހިދުމަތަކަށް މިކަން ބަދަލުކުރި ސަބަބު އޮޅުންފިލާގޮތެއް އަދިނުވޭ." މެމްބަރު އުޝާމް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމަށް އިންޑިއާގެ ކެބިނެޓުން ރުހުން ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ރުހުން ދިނުމަށް ވެފައިވާ އެއްބަސްވުމުގައިވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ފެށުމަށެވެ.

ކޮޗިން ފެރީ ރާއްޖެއަށް ފެށުމާ މެދު އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެެކަމާ ދެކޮޅު ހަދާ ފަރާތްތަކުން ދެކޭ ގޮތުގައި އެއީ ގަވައިދާ ހިލާފަށް ރާއްޖެ އަށް މަސައްކަތްތެރިން އެތެރެވުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށެވެ. އަދި މިއީ އަލުން ވޯރާ ވިޔަފާރިވެރިން ރާއްޖެއަށް އަތްގަދަ ކުރުން ކަހަލަ ކަމަކަށް ވެދާނެ ކަމަށް ވެސް އިދިކޮޅުން ބުނެއެވެ. މީގެއިތުރުން މިފެރީއަކީ ރާއްޖެއިން މުދާ ބޭރުކުރުމަށް ވެސް ހުޅުވޭ ދޮރެއް ކަމަށް ބުނެ ކާށި ފަދަ ފަދަ ސާނާނު އިންޑިއާއަށް ބޭރުކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވުމަކީ ވެސް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި އެކަން ވާނީ "ބަސާރާއަށް ކަދުރު ވިއްކުން" ފަދަ ކަމަކަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީން ދައްކާ މިފަދަ ގިނަ ވާހަކަ ތަކަކީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމުގައި ސިފަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން